މ. ކޮޅުފުށިން އިތުރު ހަތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށުން މިއަދު އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް އެރަށުން މުޅި ޖުމްލަ 33 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު ނުވަ މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އަދި އިއްޔެވެސް އެރަށުން ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ.

ކޮޅުފުށިން 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.

އެރަށުގައި ކޭސްތައް އިތުރުވަމުންދާ އިރު، އެރަށުގައި ކަރަންޓީނާ ހިލާފުވި މީހަކު ރޭގެ ވަގުތެއްގައި ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.