ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރަނީ ކުރިން ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 1:00އަށެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އާ މައްސަލައެއްގެ ތުހުމަތުގައި ނޫން ކަމާއި އެމަނިކުފާނު ހާޒިރު ކުރަނީ ކުރިން ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވެގެން، އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
މަނީލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތްތައް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް މިއަދު އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު