ގއ. ދެއްވަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ދެއްވަދުއިން ހަތް މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށްލާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު، މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެރަށް އިތުރަށް މޮނީޓަރިން ހަލާތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން މިއަދުން ފެށިގެން އެ ރަށް މޮނީޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ވަނީ 85 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ދެއްވަދޫން ޕޮޒިޓިވްވި މީހުންނެވެ. ދެއްވަދޫ ކްލަސްޓާގައި ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދުއާއި ވިލިނގިއްޔާއި ލ. ފޮނަދޫގެ އިތުރުން ހުޅުމާލެއިންވެސް ބައެއް މީހުން ޕޮޒިޓިވްވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވްވި ގިނަ މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ބަލިން ފަސޭހަ ނުވެ ތިބި މީހުންގެ ތެރެއިން ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަ އުމުރުން 79 އަހަރުގެ މީހާ ފިޔަވައި އެހެން އެންމެންގެ ހާލު ރަނގަޅެވެ.
ދެއްވަދޫން ޕޮޒިޓިވް ކޭސްއެއް ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ހޯމް ކަރަންޓީންގައި ހުރި ކުޑަކުއްޖެކެވެ. މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޕޮޒިޓިވްވި މީހުންނަކީ އެ ކުއްޖާގެ ކޮންޓެކްޓުންނެވެ.
ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު