ގއ. ކަނޑުހުޅުދޫ އޮފީހުގެ ކުޑަ ކަތީބު ކަމުގެ މަގާމުގައި ހުރެ 2007 ވަނަ އަހަރު، ކަނޑުހުޅުދޫ ބޮޑު މުދިމުގެ މުސްތަފާ ހުސެއިން، އޭނާގެ ބަފައިބެގެ ގޯއްޗަށް ބިން އިތުރުކޮށްދިން މައްސަލައިގައި އޭނާ ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.
އެ މައްސަލަ ފުރަތަމަ ބެލީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ކޯޓުން މުސްތަފާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ދަށުކޯޓުގެ ހުކުމަަށް ތާއީދުކޮށް ހައިކޯޓުންވެސް ހުކުމް ކުރީ އެނާ ކުށްވެރިވާ ކަމަށެވެ.
މުސްތަފާގެ ފަރާތުން ސުޕްރީމްކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލަ ބަލައި އެކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މުސްތަފާ ކުށްވެރިވާކަމަށް ހައިިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.
މި މައްސަލައަކީ، މުސްތަފާގެ ބަފައިބެ މުހައްމަދު ނާސިރުގެ ގޯތި ކަމަށްވާ ކަނޑުހުޅުދޫ ޔުނިކޯ ގޯތީގެ ރަޖިސްޓްރީ ހެދުމަށްޓަކައި ރަށު އޮފީހަށް ހުށަހެޅުމުން އެ ގޯތީގެ އިންފާރު ރާނާފައި ހުރިތަނުން މިން ނަގައިގެން އެ މިންތަކާ އެއްގޮތަށް އެ ގޯތީގެ ޗާޓު ކުރަހައި ކަމާބެހެ މައުލޫމާތުތަކާއެކު މުސްތަފާ ސޮއިކޮށް، އަތޮޅު އޮފީހަށް ހުށަހެޅިއިރު، މުހައްމަދު ނާސިރަށް އެ ގޯތި ދޫކުރިއިރު، ހުރި 5000 އަކަ ފޫޓުގެ ބަދަލުގައި 7743.45 އަކަފޫޓަށް އިތުރުކޮށްފައިވާ މައްސަލައެކެވެ.
އޭރު ކަނޑުހުޅުދޫ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނަވައިގެން، އެކަން އެގޮތަށް ވެފައިވާ ކަން އެނގިހުރެ އަތޮޅު އޮފީހަށް އެކަން ނޭންގި މައްސަލައިގައި މުސްތަފާގެ މައްޗަށް އުފުލާފައި ވަނި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.