އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު ބާސެލޯނާއިން 2017 ވަނަ އަހަރު ވެފައިވާ ބޮޑު އަގުގެ އެއްބަސްވުން މީޑިއާއަށް ލީކުވި މައްސަލައިގައި ކްލަބުން ބަޔާނެއް ނެރެފިއެވެ.
ބާސާއިން މެސީއާއެކު ވެފައިވާ އެއްބަސްވުމުގެ އަގު 555 މިލިއަން ޔޫރޯއަށް އަރައެވެ. އެ އެއްބަސްވުމުގެ ތަފްސީލުތައް، އެއްބަސްވުމުގެ ވަގު ކޮޕީއަކާއެކު މީޑިއާ ހަމައަށް ގެނެސްފައިވަނީ ސްޕެއިންގެ އިތުބާރު ކުރެވޭ ނޫހެއް ކަމަށް އެލް މުންޑޯއިންނެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މެސީގެ ބާސާ އެއްބަސްވުން ހަމަވާން ދާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން ބޯނަސްއާއި އެހެނިހެން އާމުދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިއަން ޔޫރޯ ދެއެވެ.
އެއްބަސްވުމުގެ ދަށުން މިހާރުވެސް މެސީއަށް 510 މިލިއަން ޔޫރޯ ވަނީ ލިބިފައެވެ. އެ މައުލޫމާތުތަކަށް ބަލައި މުންޑޯއިން ރިޕޯޓް ކޮށްފައިވަނީ މެސީއަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މުސާރަ ބޮޑު އެތުލީޓުގެ ގޮތުގައެވެ.
ބާސާގެ ކެޕްޓަން މެސީ 17 އަހަރު ކްލަބާއެކު ހޭދަކޮށްފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމުން މެސީ ކްލަބު ދޫކޮށް ދާނެއެވެ. މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އެދިފައިވީ ނަމަވެސް، ކްލަބުން ވަނީ އޭނާ ހިފަހައްޓައިފައެވެ. ކްލަބުގެ ދަރަނި މިހާރުވެސް 1.2 ބިލިއަން ޔޫރޯއަށް އަރާއިރު، މެސީ އޭރު ވިއްކާ ނުލުމަކީ ބާސާއިން ހެދި ގޯހެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
"މިއަދު އެލް މުންޑޯގައި ހާމަކޮށްފައިވާ ޕްރޮފެޝަނަލް އެއްބަސްވުމުގެ މައުލޫމާތާ ގުޅިގެން ބާސާގެ އެއްވެސް އިހުމާލެއް ނުވާ ކަމުގެ ޔަގީންކަން އަރުވަމެވެ. އެއީ ބާސާއަކީ ދެފަރާތުގެ ދެމެދު ވެފައިވާ ސިއްރު ކުރުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެ ޓީމަކަށް ވާތީއާވެސް އެކުއެވެ. އެއްބަސްވުން ލީކު ކޮށްލުމުގެ ސަބަބުން މެސީގެ އިތުރުން ބާސާގެ ނަމަށް އެއްވެސް ހުތުރު ކަމެއް އައިސްފައިވާނަމަ އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އަންގަމެވެ،" ބާސާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ.
ބާސާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެސީއާއި ބާސާއާ ދެމެދަށް އެއްވެސް ނުތަވަސްކަމެއް އެ ލީކުގެ ސަބަބުން ނާންނާނެ ކަމަށާއި މެސީއަށް ދޭން ޖެހޭ ފުރިހަމަ ހިމާޔަތް ދޭން ބާސާއިން ތައްޔާރަށް ތިބި ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ