ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، ހ. ޒޮނޭރިޔާ/ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުލުމަށް ނިންމައިފިއެވެ.

އިބްރާހިމް ރަޝީދު އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި، އަމިއްލަ ގެކޮޅު ކަމުގައިވާ، ހ. ކަރަންކާ ގޭގައެވެ. އަވަހާރަވެފައިވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަބްދުލް އަޒީޒް މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިބްރާހިމް ރަޝީދު، ފަސްދާނުލުމަށް ނިންމާފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. އަދި އިބްރާހިމް ރަޝީދު އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު މިވަގުތުވެސް އޮންނެވީ އަމިއްލަ ގެކޮޅުގައެވެ. އަދި ހިނަވަނީވެސް ގޭގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އިބްރާހިމް ރަޝީދުގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މޫނު ދައްކާނެ ވަގުތަކާއި ކަށުނަމާދު އޮންނާނެ ވަގުތެއް އަދި ނޭނގެއެވެ.

އިބްރާހިމް ރަޝީދު ސަރުކާރުގެ ހިދުމަތް ފައްޓަވާފައިވަނީ ނޮވެމްބަރު 24، 1942 ވަނަ އަހަރުއެވެ. އަދި 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދުމަތް ކުރައްވައި، ގައުމީ ހިދުމަތުގައި އެކި މަރުހަލާތައް ވަނީ ކަޑައްތުކުރައްވައިފައެވެ.

އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި ވުޒާރަތުލް މައާރިފުގެ ނައިބު ކަމުގެ މަގާމާއި ވަޒީރުލްއައުޡަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި ވަޒީރުލްއައުޡަމްގެ ނައިބު ކަމުގެ މަގާމާއި ހެލްތު މިނިސްޓަރު ކަމުގެ މަގާމާއި ހޯމް މިނިސްޓަރު ކަމުގެ މަގާމާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމު ހިމެނެ އެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ޒައީމް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންނެވި އިރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އޭނާއަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.