އެމްއެންޑީއެފް އާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރާވާފައިވާ ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރާ ސާވޭ ދަތުރުގައި މިއަދުން ފެށިގެން އަންނަ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތެއް ކަމަށް ބުންޏެވެ.
2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުން އަންނަ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖު އަދި އެޕްރޯޗު ޗާޓު ހެދުމަށްޓަކައި ކުރާ ސާވޭއެކެވެ.
އެމްއެންޑީއެފުން ބުނީ މިފަދަ ސާވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދު ކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒް ކުރުމާއި އިގުތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ވެސް ލިބޭނެ ކަމަށް ބުންޏެވެ.
މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށެވެ. އެމްއެންޑީއެފުން ބުނީ މި ސާވޭގައި ހދ. ކުޅުދުއްފުށި އިންޓަނޭޝަނަލް ސީޕޯޓްގެ ލާޖު ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނޭނެ ކަމަށެވެ. ރާއްޖޭގެ އިންޓަނޭޝަނަލް ޕޯޓުތައް ހުރި ސަރަހައްދުތަކުގެ ތެރޭގައި ލާޖު ސްކޭލް ޗާޓް ޕަބްލިޝް ކޮށްފައިވަނީ މާލޭގެ ސަރަހައްދުގެ އިތުރުން އައްޑޫ އަތޮޅާއި އިހަވަންދިޕޮޅުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު