ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި، ކެމްޕެއިން ކުރުމަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން، އިދިކޮޅު ޕާޓީތަކަށް ނުލިބޭ ފުރުސަތެއް ބޭނުން ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ލިބުގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިހާބުގައި ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެކި ކަންކަމުގައި އެކި ގޮތްގޮތަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެހެން މީހަކަށް ނުލިބޭ ފުރުސަތެއްގެ ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ހަމަހަމަ ފުރުސަތު ލިބޭނެކަން. އަޅުގަނޑެއް ހަމަގައިމު ވެސް ޕީޕީއެމަށް ނުލިބޭ ފުރުސަތެއް ބޭނުމެއް ނުކުރާނަން. ހަމަގައިމު ވެސް އަޅުގަނޑެއް ނުކުރާނަން އަޅުގަނޑަށް ލިބިފަ އޮތަސް ވެސް، އަބަދުވެސް އަޅުގަނޑަށް ފުރުސަތު ލިބޭ އެކި ކަންކަމުގައި އެކި ގޮތްގޮތަށް ކަންތައް ކުރަން އެހެން ނަމަވެސް އެހެން މީހަކަށް ނެތް ފުރުސަތެއްގެ ބޭނުން އަޅުގަނޑު ނުކުރާނަން، ދެން އަޅުގަނޑަށް ޔަގީން ކަށަވަރު ސަރުކާރަކުންނެއް ވެސް އެނޫން ގޮތަކަށް ކަންތައް ކުރާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޮޑު ތަފާތަކުން ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮވިޑާ ގުޅިގެން އެކި ފަހަރު މަތިން ފަސްކުރަމުން އައި ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ ތާރީހާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ވޯޓު ދިނުމަށް ކޮންމެ ދުވަހަކީ ވެސް ރަނގަޅު ދުވަހެއް ކަމަށާއި ކޮންމެ ފަތިހެއްގައި ވެސް ވޯޓުލާން ދަންނަވައިފިނަމަ ވޯޓު ފޮއްޓަށް ވޯޓުލާން ވަޑައިގަންނަވާނެ ކަމަށެވެ.