މިދިޔަ އަހަރުތަކުގައި ފަތުރުވެރިކަމަށް ދޫކޮށް ނުހަދާ އޮތް 61 ރަށަކާއި 24 ފަޅެއް އެބައޮތް ކަމަށާއި އެ ރަށްތަކަކީ އެތައް އިންވެސްޓްމަންޓުތަކާއި ވަޒީފާތަކެއް ނެރެވޭނެ ރަށްތައް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ ކުއްޔަށް ދޫކުރާ ރަށްތައް ނުހެދި އޮތުން ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި ނުހަދާ އޮތް 85 ރަށް އެބައޮތް. މި 85 ރަށަކީ އޭގެ ޒާތުގައި އެތައް ބައިވަރު އިންވެސްޓްމަންޓުތަކެއް، އެތައް ބައިވަރު ވަޒީފާތަކެއް ދީފައި، އެރަށާ ގުޅިފައި ހުރި ކަންތައްތައް ހިމެނޭ ރަށްތަކެއް. މި ރަށްތަކާއެކު ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތް ލިބިފައި. މި ރަށްތަކުގެ ތެރޭގައި މި ހިމެނެނީ 61 ރަށް އޭގެ ޒާތުގައި، ދެން އެބައޮތް 24 ފަޅު. އެތަނުން 24 ފަޅުގެ ތެރެއިން ފަސް ފަޅު ހިއްކާ ނިންމައިފި. އަނެއް ފަސް ފަޅު މައްޗަށް ހިކިފައި އޮތީ. އަނެއް ބައި އޮތީ އަދި ކަނޑު އަޑީގައި. މިއީ މި ކަންތައް ހުރި ވަރު،" މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރަށްތައް ކުއްޔަށް ހިފައިގެން ތިބޭ ފަރާތްތަކުން އެރަށްތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަމުން ދިއުމުން އެތަން ދުވަހަކު ވެސް ތަރައްގީކޮށް ނިމޭނެ ދުވަހެއް ނާންނަ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މިހާރު ގަވާއިދަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

"މިފަހަރު ގަވާއިދަށް ގެނެވިފައި މިއޮތް ބަދަލުގެ ދަށުން އެބޭފުޅުންނަށް ކޮންސްޓްރަކްޝަން ޕީރިއަޑާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަދައްކާފައި ވަކި މުއްދަތެއް މިދެނީ. އެއަށްފަހު އޮޓޮމެޓިކުން އެރަށް ވަކިވާނެ. ސަރުކާރުން ކޮންމެހެން ބޭނުމެއް ނުވޭ ރަށްތައް ވަކިކުރާކަށް. މި ރަށްތައް ހަދަން ބޭނުންވަނީ. އެހެންވީމާ މި ރަށްތައް އެބޭފުޅުން ބޭނުން ގޮތަކަށް ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓަށް ގެނެވޭ ގޮތަށް ހަދާފައި އެއޮތީ. ރަށުގެ އެއްބައި ކުއްޔަށް ދީފައި، އަނެއް ބައި ހަދަންވީ. އެހެންވީމާ ޗާޓު ކުރަހައިގެން ހަދަންޖެހޭ ބައި ނިންމާލާފައި އެ އޮތީ. ދެން އޮތީ ލާރި ގެންގުޅޭ މީހުންނާ ދިމާކުރުން. އެބައި މިހާރު ފަށައިގެން މިގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އިންވެސްޓަރުން ބޭނުންވާ ފަރާތްތަކަށް އިންވެސްޓަރުން ހޯދައިދިނުމަށް ނެޓްވޯކެއް ގާއިމުކޮށްދޭނެ ކަމަށާއި ރަށުގައި ކުދި ހޮޓާ ހަދަން ބޭނުންވާ ފަރާތްތަކަށް ވެސް އިންވެސްޓަރުންނާ ގުޅުވައިދޭނެ ކަމަށެވެ. އަދި މިއަހަރު ވެސް ރަށްތަކެއް ކުއްޔަށް ދިނުމަށް ރޭވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރައީސް ސޯލިހު ކަނޑައަޅުއްވާފައިވާ 28 ރަށެއް އޮންނާނެ. އެ ރަށްތައް އަޅުގަނޑުމެން މިއަހަރު ކުއްޔަށް ދޭނަން. އަޅުގަނޑުމެން ވަކި ޓޭބަލްއެއް، ވަކި ޝެޑިއުލެއްގެ ދަށުން ކުއްޔަށްދީ ނިންމާނެ. މިހާރު ހަތަރު ރަށް އެއޮތީ ބިޑަށް ލާފައި. އަދި އޭގެ އިތުރަށް އެއާޕޯޓުތައް ހެދުމާއި މިހެން ގޮސް އިތުރު ރަށްތަކެއް އޮވެއްޖެއްޔާ ނަގާފައި ކުއްޔަށް ދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ރަށްތައް ހިފައިގެން ތިބި ފަރާތްތަކުން ރަށް ތަރައްގީނުކޮށް ބާއްވައިގެން އެރަށްތައް އިތުރަށް ރަނަކަށް ނުވާނެ ކަމަށާއި އޭގެ އަގު މާ މައްޗަށް ދާނެ ކަމަށް ބަލައިގެން ހިފަހައްޓައިގެން ތިބޭނެ ކަމެއް ނެތް ކަމަށެވެ. އަދި ވިޔަފާރިން އޭގެ ފައިދާ ހޯއްދެވުމަށް އެފަރާތްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އުތުރުގެ ހަތަރު ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރަން ބީލަމަށް ހުޅުވާލައިފައެވެ. ބީލަމަށް ހުޅުވާލި ރަށްތަކަކީ ހއ. އަލިފުއްފަރު ފިނޮޅާއި ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރުގެ ބިމާއި)، ށ. ކުޑަޅައިމެންދޫ އަދި ނ. ކުންނަމެލައި އެވެ.