އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް، ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަކީ ހިދުމަތުގައި ނަމޫނާއެކެވެ. އެތައް ގޮތަކުން ރާއްޖެއަށް ހާއްސަ ބޭފުޅެކެވެ. ޝެއިހް ރަޝީދު މިވަނީ އަނެއްކާވެސް ހާއްސަ ޝަރަފެއް ހޯއްދަވައިފަ އެވެ. އުމުރުން 78 އަހަރުގައި ޕީއެޗްޑީ ހާސިލް ކުރެއްވީ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ނިންމެވި ފުރަތަމަ ބޭފުޅާގެ ގޮތުގައެވެ. ރަޝީދު ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހު ދާއިރާ އިންނެވެ.
ރަޝީދުގެ ހަޔާތަށް ބަލާއިރު މުޅިންވެސް ހުރީ އިބުރަތްތެރި ވާހަކަތަކެވެ. ހިތްދަތި ހާލުގައި ބޮޑުވެ ތައުލީމު ހާސިލުކުރެއްވުމަށް ކުރެއްވި ބުރަ ބޮޑު މަސައްކަތެވެ. ރަޝީދުގެ ތައުލީމީ ހަޔާތާ ގުޅޭ ގޮތުން އިންޓަވިއުއަކަށް އެދުމުން ހަދިޔާ ކުރެއްވީ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން 1999 ވަނަ އަހަރު ލިޔުއްވި "ޅަފުރާގެ ދުވަސްތައް" މިފޮތެވެ. އެއާއެކު އިތުރު ލިޔުންތަކެއް ދެއްވި އެވެ. ކޮވިޑް-19ގެ ސަބަބުން ބައްދަލު ކުރައްވަން ކެރިވަޑައިނުގަންނަވާތީ އެވެ. މި ރިޕޯޓްގައި ރަޝީދުގެ ދިރިއުޅުއްވުން ބުނެދީފައި މިވަނީ އެ ފޮތާއި ލިޔެކިޔުންތަކުގެ އަލީގަ އެވެ.
އަމިއްލަ ބައްޕަކަމަށް ދެކެވަޑައިގެންނެވި ދޮންބައްޕަ އަލިދީދީ ނިޔާވިތާ އެއް މަހާއި ވިހި ދުވަސް ވީތަނާ ރަޝީދުގެ ލޯބިވާ މަންމަ އައިޝަތު މުހައްމަދު ދީދީ ވެސް ނިޔާވި އެވެ. އެއީ ރަޝީދު ކުޑަކުޑަ އިރު އެވެ. ރަޝީދުގެ މަންމަ ނިޔާވީ ރަށުގައި ފެތުރިގެން ދިޔަ ޓައިފޯޑް ހުމުގަ އެވެ. އެބަލި ޖެހިގެން މަރުވި 12 އަހަރުގެ އަންހެން ކުއްޖަކު ހިނަވާފައި ގެއަށް ވަޑައިގެންނެވިއިރު މަންމަ ހުންނެވީ ޓައިފޯޑް ހުން ޖެހިފަ އެވެ. އޭގެ ފަހުން ތިން ވަނައަށްވީ ދުވަހު ރަޝީދުގެ މަންމަ ނިޔާވީ އެވެ. މަންމަ އާއި ދޮންބައްޕަ ނިޔާވުމުގެ ހިތާމައިން އަރައިގަތުމަށް ގުރުއާން ކިޔެވުމުގައި ގިނަ ވަގުތު ރަޝީދު ހޭދަ ކުރެއްވި އެވެ. އޭގެ ފަހުން ފުވައްމުލަކުގައި ގުރުއާން ހިތުދަސްކޮށް ދެއްވުމަށް ހިންގި މަޝްރޫއެއްގައި ބައިވެރިވެވަޑައިގެން ރަޝީދު ވަނީ ވަރަށް ކުޑައިރު ކީރިތި ގުރުއާން އެއްކޮށް ހިތުދަސް ކުރައްވާފަ އެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ލޯބިވާ މަންމަ އާއި ދޮންބައްޕަ ނިޔާވުމުން ރަޝީދާއި އެއްބަނޑު ދެ ކޮއްކޮ ނިކަމެތި ހާލުގައި ޖެހުނެވެ. އެ ހާލުގައި އެ ތިންބޭން ތިއްބައި ފުވައްމުލަކު ދިގުވާނޑު، ވެޔޮފީށެ އިބްރާހިމްދީދީ (ދޮންބޭބެ) އެގެއަށް އެ ކުދިން ގެންގޮސް އޭނާގެ ދަރިންގެ ގޮތުގައި ބެލި އެވެ.
މަންމަގެ އަރިހުން އަރަބި އަކުރާއި ތާނަ އަކުރު އުނގެނިވަޑައިގެން ހުންނެވި ރަޝީދު ފުރަތަމަ ތައުލީމު ހާސިލްކުރެއްވި ސްކޫލަކީ ފުވައްމުލަކު އަލްމަދްރަސަތުލް ފައިޟިއްޔާ އެވެ. ދަޑިމަގު އަވަށާއި ދިގުވާނޑު އަވަށާ ދެމެދުގައި ހުރި އެ ސްކޫލުން ފިގުހާއި އަރަބި ބަހާއި އުރުދޫބަހާއި ހިސާބާއި އަހުލާގު އުނގެނިވަޑައިގެންނެވިއެވެ. އޭރުގެ ރައީސް މުހައްމަދު އަމީންދީދީގެ އަތްޕުޅުން އިނާމު ދެއްވުމަށް ޓަކައި ރަށުގެ ހަތަރު މަދުރަސާގެ ކުދިންގެ މެދުގައި އިމްތިހާނެއް ބޭއްވިއިރު އެ އިމްތިހާނުން ފިރިހެން ބައިން އެއް ވަނަ ހޯއްދެވީ ރަޝީދެވެ. ރައީސް އަމީންގެ އަތްޕުޅުން އިނާމު ދެއްވުމަށް މާލެ ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އެވެ. އެއީ މާލެ ވަޑައިގެން ފުރަތަމަ ދަތުރެވެ.
ރަޝީދު ބޮޑުވަމުން އައިއިރު އެންމެ ބޮޑަށް ދެކެވަޑައިގެންނެވި ހުވަފެނަކީ މިސްރުން ތައުލީމު ހާސިލް ކުރެއްވުމެވެ. އޭރު އެ ނަސީބު ލިބެނީ ގައުމުގެ ވެރިންގެ ދަރިންނަށްކަން އޭނާއަށް އެނގިވަޑައިގަތަސް އުއްމީދު ދޫކޮށެއް ނުލައްވަ އެވެ. މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީން ތައުލީމް ހާސިލު ކުރެއްވުމުގެ ހެޔޮ ނަސީބު ދެއްވުން އެދި މާތް ﷲގެ ހަޒުރަތުގައި ދުއާ ދަންނަވަމުން ގެންދެވިއެވެ. ރަޝީދުގެ އުއްމީދުތައް ހާސިލު ކުރެއްވުމަށް މަގު ފަހިވާން ފެށީ ފުވައްމުލަކުން މާލެ ވަޑައިގަތުމަށް ފެއްޓެވި ދަތުރެއްގައި މޫސުން ގޯސްވެ ބޯޓު އިންޑިއާއަށް ބެހުނު ހިސާބުންނެވެ. ރަޝީދަށް އޭރު ވިސްނިވަޑައިގެންފައި އޮތީ ތައުލީމު ހާސިލު ކުރުމަށްޓަކައި ފިލައިގެން ގޮސް ކާމިޔާބު ވަނީ އިންޑިއާއަށް ދާ މީހުން ކަމެވެ. އެހެން ވެ އެ ގައުމަށް ބެހިގެން ދެވުމުން ކުޑަ ކުއްޖެއްގެ ގޮތުގައި އޭރު ހުންނެނި ރަޝީދު ވެސް ތައުލީމު ހާސިލް ކުރެއްވުމަށް ޓަކައި ފިއްލެވީ އެވެ.
ފުވައްމުލަކުގައި ރަޝީދަށް ކިޔަވައިދެއްވި މުހައްމަދު ނަސީމާ އިންޑިއާ އިން ބައްދަލުވުމުން ރަޝީދަށް މަގު ދެއްކެވީ ނަސީމެވެ. ނަސީމުގެ އިރުޝާދުގެ ދަށުން ފިއްލަވައިގެން ރަޝީދު ވަޑައިގަތީ އިންޑިއާގެ ކަންބީ ޕޫރު ކިޔާ ވިލެޖަކަށެވެ. އެ ވިލެޖުގައި ހަމައެކަނި ހުންނަ މަދަރުސާ ކަމުގައިވާ ކީރިތި ގުރުއާން ހިތުދަސްކޮށްދޭ މަދަރުސާއަކާ ރަޝީދު ގުޅިވަޑައިގަތެވެ. އެ މަދަރުސާއަކީ މިސްކިތެކެވެ. ކުދިން ނިދާ ބޯޑިންގަކީ އެ މިސްކިތުގެ ދެ ފަރާތު ފެންޑާ އެވެ. އެތަނުގައި ކެއުމާއި އެހެނިގެން ކަންކަން ވެސް އެހާމެ ދައްޗެވެ.
"އެ ދަތި ހާލުގައި ތިން މަސް ވޭތިކުރިއިރު އަޅުގަނޑު މުޅީން ހިކިގެން ގޮސް އަނަރޫފަ ވެއްޖެ. ކާޑު ބަލި އަޅަން ކައިރިވެއްޖެ،" ބޯޑިން ސްކޫލުގެ އެ ދަތި ހާލު ރަޝީދު ފޮތުގައި ސިފަ ކުރައްވާފައިވެ އެވެ.
ދެން ރަޝީދު ގުޅިވަޑައިގަތީ "ލާލް މަސްޖިދު" ކިޔާ މިސްކިތަކާ އެވެ. އެއީ ރޯދަ މަސް ކަމުން ތަރާވީހު ނަމާދު އިސްވެ ކުރަން ފެށި އެވެ. ރަޝީދުގެ ގުރުއާން ކިޔަވައިވިދާޅުވުން އެ މިސްކިތުގެ ވެރިންނާއި އެ ތަނަށް ދާ މީހުންނަށް ވަރަށް ކަމުދިޔަ އެވެ. މުސާރައިގެ އިތުރުން އެ މިސްކިތަށް އަންނަ މީހުން ރަޝީދަށް ގިނަ ހަދިޔާތަކެއް ދޭން ފެށި އެވެ.
އީދަށް ފަހު ރަޝީދު ވޭއްލޫރަށް ވަޑައިގެން ބާޤިޔާތުއް ޝާލިހާތު އަރަބިކް ކޮލެޖާ ގުޅިވަޑައިގަތެވެ. އެ ތަނުގައި ކިޔެވުމާއި ހުރުމާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައި ވަނީ ހިލެ އެވެ. ނަމަވެސް ފާހާނާ ކުރުން ފަދަ ކަންކަން އެހާމެ ދައްޗެވެ. މިސްކިތްތަކުގައި ތަރާވީހު ކުރަން އޭރުވެސް ކޮންމެ ރޯދަ މަހެއްގައި ރަޝީދު ގެންދެ އެވެ.
އިންޑިއާގެ އޫޓީއަށް ގޮސް ތަރާވީސް ކުރަނިކޮށް އެއް ދުވަހަކު އެ ތަނުގެ ވަރަށް ބޮޑު މުއްސަންޖެއް ކަމުގައިވާ ސައުތުވިކް އަބްދުއް ރަހީމް ރަޝީދަށް ރޯދަ ވީއްލުމަށް ދައުވަތު ދިނެވެ. އެ ދުވަހު ރޯދަ ވީއްލުމަށް ފަހު ރަޝީދު އެންމެ ބޭނުން ވަނީ ކޮން ކަމެއްތޯ އޭނާ ސުވާލު ކުރި އެވެ. ރަޝީދުގެ އެންމެ ބޮޑު ހުވަފަނަކީ މިސްރުގެ އަލްއަޒްހަރަށް ކިޔަވަން ވަޑައިގަތުން ކަމަށް ވިދާޅުވުމުން އެކަމަށް މަގު ފަހިކޮށްދޭން އޭނާ ފައިސާ ދިނެވެ. އަޒްހަރުން ތައުލީމް ހާސިލު ކުރެއްވުމަށް ގަދަ އަޅައި މަސައްކަތް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެކަން ކުރުމަށް މަގު ފެންނަން ފެށި އެވެ.
އަޒްހަރުން ސްކޮލާޝިޕެއް ހޯދައިގެން މާލެ ވަޑައިގެން ޕާސްޕޯޓް ހައްދަވައިގެން ރަޝީދު މިސްރަށް ކިޔަވަން ވަޑައިގަތުމުގެ ކަންކަން އިންތިޒާމު ކުރައްވަން ފެއްޓެވި އެވެ. ކަންކަން ހަމަޖެއްސެވުމަށް ފަހު ލަންކާ މަގުން އަނެއްކާ އިންޑިއާއަށް ވަޑައިގަތެވެ. ކުޑައިރުއްސުރެ ދެކެވަޑައިގެންނެވި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް، ކަނޑުމަގުން ރަޝީދު މިސްރަށް ފުރާވަޑައިގަތީ 5 ނޮވެމްބަރު 1962 ގަ އެވެ.
ރަޝީދު މިސްރަށް ވަޑައިގެން އަޒްހަރު ޔުނިވާސިޓީން ތައުލީމް ހާސިލު ކުރައްވަން ފެއްޓެވިއިރު އެތަނުގައި ކިޔަވާ ވިދާޅުވާން ތިއްބެވީ ރާއްޖޭގެ ހަތަރު ބޭފުޅުންނެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ އާއި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު ޒާހިރު ހުސައިންނެވެ.
ރަޝީދު ވަނީ އަޒްހަރު ޔުނިވަސިޓީން ބެޗްލާސް އޮފް އާޓްސް އާއި މާސްޓާސް ހާސިލު ކުރައްވައިފަ އެވެ. މިސްރުގައި ތައުލީމު ހާސިލު ކުރެއްވުމަށް 12 އަހަރު ރަޝީދު ހޭދަ ކުރެއްވިއިރު އެއްވެސް އަހަރަކު ފެއިލެއް ނުވެ އެވެ. އެއަށް ފަހު ސައޫދީ އަރަބިޔާގައި ކިޔަވައި ދެއްވުމުގެ ދާއިރާގައި ގާތްގަނޑަކަށް 11 އަހަރު ހޭދަ ކުރެއްވި އެވެ. އެއަށް ފަހު ރާއްޖެއަށް ބަދަލުވެވަޑައިގެންނެވީ 29 މެއި 1985ގަ އެވެ.
އިސްލާމީ ތައުލީމު ރާއްޖޭގައި ފެތުރެއްވުމުގެ އިތުރުން ރަޝީދު ވަނީ ގިނަ ހިދުމަތްތަކެއް ދިވެހި ދައުލަތަށް ކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މުސްތަޝާރުކަމާއި ޖަސްޓިސް މިނިސްޓަރުގެ ނައިބުކަމާއި ޖަސްޓިސް މިނިސްޓަރުކަމުގެ އިތުރުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި ކީރިތި ގުރުއާންގެ މާނަ ދިވެހި ބަހަށް ތަރުޖަމާ ކުރާ ކޮމެޓީގެ ރައީސް ކަން ވެސް ހިމެނެ އެވެ. މިހާރުވެސް ހުންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ އެއްވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މަގާމުތަކުން ފެށިގެން އަދިވެސް ހިދުމަތުގައި ހުންނެވި އަދި ރާއްޖެއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރަޝީދުއަށް ދިވެހި ދައުލަތުން ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން (ނއއވ) ގެ ލަގަބާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިޔާގެ ލަގަބު ދެއްވާފަ އެވެ.
އުމުރުން 78 ގައި ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ރަޝީދުގެ ހަޔާތްޕުޅުން މުޅިންހެން ފެންނަން ހުރީ އިބުރަތްތަކެވެ. އޭނާއަކީ ތައުލީމަށް އެދިވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ވަރުގަދަ އަޒުމަކާއެކު ކުރެއްވި އެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ވަނީ ހޯއްދަވައިފަ އެވެ. ފުވައްމުލަކުގައި ކުޑައިރު މަންމަ ނިޔާވެ ހާލުގައި ޖެހުނު ކުއްޖާއަކީ މިހާރު ބޮޑު އިލްމުވެރިއެކެވެ. ރާއްޖެ ދުށް ވަރުގަދަ ހިދުމަތްތެރި އެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް