އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލި ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، އަދުރޭގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުުގެ ވަކީލު މަރިޔަމް ނާޒްލީން ވިދާޅުވީ އަބްދުއްރަޙީމުގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުބޫބާތުގެ 515 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ކަމަށެވެ. އެއީ މަނީލޯންޑަރިންގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ހުކުމް އިއްވި ދުވަހު، އެ ކޯޓު ސަރަހައްދުގައި ހުންނަވައިގެން ފަނޑިޔާރުންނާ މުހާތަބު ކުރައްވައި އަދުރޭ ކުރެއްވި ކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ.

ދައުލަތުން އިއްވި ދައުވާ ސާފުވެއްޖެތޯ ސުވާލު ކުރުމުން އަދުރޭގެ ވަކީލު ހިޝާމު ވިދާޅުވީ ދައުވާގެ ލިޔުންތައް ލިބުނީ، މިއަދު ކަމަށާއި ދައުވާއަށް އިންކާރުކުރުމާއި އިއުތިރާފުވުމާމެދު ގޮތެއް ނިންމުމަށް އެ ލިޔުންތައް ދިރާސާކުރަން ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން، ދައުވާއަށް އިންކާރު ކުރުމާމެދު ގޮތެއް ނިންމުން އެހެން މަޖިލީހަކަށް ފަސްކޮށްދިނުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ޤާޒީ ހަސަން ސައީދު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން ކަމަށެވެ.