ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ސައުދީ އަރަބިޔާގެ ޓޫރިޒަމްގެ މޫނަށް ހަދަން އޭނާއަށް އަހަރެއްގެ މައްޗަށް ހަ މިލިއަން ޑޮލަރު ދިނުމަށް ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މެދުއިރުމަތީގެ ރިޕޯޓުތައް ބުނެފައިވާ ގޮތުން، ސައުދީން ހުށަހެޅި ހުށަހެޅުމުގައި ރޮނާލްޑޯގެ ފޮޓޯ ސައުދީ ފަތުރުވެރިކަމުގެ ހުރިހާ ކަމެއްގައި ބޭނުން ކުރުމަށާއި ރޮނާލްޑޯ އެގައުމަށް ގިނަ ފަހަރުތަކެއްގެ މަތިން ދިޔުމަށް ވަކި ހާއްސަ ކަންތައްތަކެއް ހިމެނެ އެވެ. އެ ހުށަހެޅުމަށް ރޮނާލްޑޯ ނޫނެކޭ ބުނަފައިވާއިރު، ސައުދީން އެގައުމުގެ ޝާހީ އާއިލާއިން ހިންގާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ފޮރުވަން ކުޅިވަރުގެ ބޭނުންކުރާ ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ރޮނާލްޑޯ އެ ހުށަހެޅުމަށް ނޫނެކޭ ބުނުމާއެކު އޭނާގެ ވާދަވެރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ވެސް ސައުދީން އެ ހުށަހެޅުން ހުށަހެޅި އެވެ. އެ ހުށަހެޅުންތަކުގެ އިތުރު މައުލޫމާތުތައް ހޯދުމަށް މެސީ އާއި ރޮނާލްޑޯގެ އެޖެންޓާ ވާހަކަދައްކަން ނޫސްވެރިން އެދުމުން އެޖެންޓުން ވަނީ އެކަމަށް ޖަވާބުދާރީވާން އިންކާރު ކޮށްފައެވެ.
ބޭރު ދުނިޔޭގެ ތެރޭގައި ސައުދީއާ ދޭތެރޭ ދެކޭ ދެކުން ބަދަލުކޮށް، އެގައުމުގެ އިގުދިސާދު ބަދަލު ކުރުމަށް ސަރުކާރުން 2030 ވަނަ އަހަރާ ހަމައަށް އެކުލަވާލި ޕްލޭނުގައި ކުޅިވަރުގެ ބޭނުން ކުރުމަކީ މައިގަނޑު އެއް އަސާސެވެ. ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލްގައި ބަލަމުން އަންނަ މައްސަލަތަކުގެ ސަބަބުން ކުޅިވަރުގެ ތެރެއަށް ވަނުމަށް ސައުދީއަށް ވަނީ އުނދަގޫވެފައެވެ.
ސައުދީން 2020 ވަނަ އަހަރުގެ ސްޕެނިޝް ސުޕަ ކަޕު އެގައުމުގެ ޖިއްދާގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަހަރު އޮކްޓޯބަރު މަހު ބާއްވަން އުޅުނު ޔޫރަޕުގެ އަންހެން ގޮލްފު ޓުއާއެއް ބޮއިކޮޓް ކުރުމަށް އަޑު އުފުލާފައިވެއެވެ. ޝާހީ އާއިލާއިން ސައުދީ ރައްޔިތުންގެ ނަމުގައި އިނގިރޭސި ކްލަބު ނިއުކާސަލް ގަންނަން ހުރިހާ ކަމެއް ނިންމި ނަމަވެސް، ލީގުގެ ބޯޑުން އެކަމަށް އާބަސް ނުބުނީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބަޔާނެއް ނެރުމުންނެވެ.
އެމްނެސްޓީން ވަނީ މިއަހަރު ތެރޭގައި އެގައުމުގައި ބާއްވަން މަސައްކަތް ކުރާ ފޯމިއުލާ ވަން ކާރު ރޭހާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު