ރޭ އާސެނަލްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވަރުގަދަ މެޗު އެއްވަރު ވެގެން ނިމިފައިވާއިރު، އެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑަށް ވަނީ އެއްވަނައަށް އަރަން އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ. މިހާތަނަށް 21 މެޗުން 41 ޕޮއިންޓާއެކު އެޓީމު ލީގު ތާވަލުގެ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ، ޔުނައިޓެޑަށްވުރެ މަދުން މެޗެއް ކުޅެގެން ވަނީ 44 ޕޮއިންޓް ހޯދައިފަ އެވެ.

އާސެނަލް އަށް ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމު ނުވަ ވަނައަށް ޖެހިލާފައިވާއިރު، ޗެލްސީ މިހާރު އޮތީ 10 ވަނައިގައެވެ. އާސެނަލްއަށް ނުވަ ވަނަ ލިބެނީ 21 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޔުނައިޓެޑް ޕޮއިންޓް ގެއްލުވާލާފައިވާއިރު، ރޭގެ މެޗަށް ނުކުތީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެ، ވި ބަލި ހަނދާން ނައްތާލުމަށެވެ. މެޗުގައި ޔުނައިޓެޑަށް ފަހި ފުރުސަތުތައް ގިނައިން ލިބުނު ނަމަވެސް އާސެނަލް ހޯދީ ހައްގު ޕޮއިންޓެކެވެ. ނޯތު ލަންޑަންގެ ފިނީގައި ކުޅުނު މެޗުގައި ޔުނައިޓެޑަށްވުރެ ބޮޑަށް ގޯލެއް ޖެހުމާ ގާތަށް ޖެހިލީ ވެސް އާސެނަލް އިންނެވެ.

ފުރަތަމަ ހާފުގައި އާސެނަލްގެ ނުރައްކާތެރި ހަމަލާއެއް ނުފެނި ނިންމާލަން ޖެހުނުއިރު، ދެވަނަ ހާފުގައި އެލެކްސެންޑްރާ ލަކަޒެޓް ޖެހި ހިތްގައިމު ހިލޭ ޖެހުމެއް ގޯލުގެ ދަނޑީގައި ޖެހި ބޭރުވެފައިވެ އެވެ. އޭގެ އިތުރުން އާސެނަލްގެ ފުރުސަތުތަކަށް ބަލާއިރު، އެމީލް ސްމިތު ރޯވޭގެ ހަމަލާ ޔުނައިޓެޑް ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކޮށް ބޭރުކޮށްލި އިރު، ނިކޮލަސް ޕެޕޭއަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ފްރެޑުގެ ފަރާތުންނެވެ. ފްރެޑް ސީދާ ކަނަށް ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލްކީޕަރު ބްރެންޑެން ލެނޯ އަންގީގައި ކިރިޔާ ޖެހިލާފައި ބޭރަށް ދިޔައިރު، އެޑިސަން ކަވާނީ ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ ގޯލް ކައިރިން ފޮނުވާލި ދެ ހަމަލާއެއް ވެސް ލެނޯ ވަނީ މަތަކޮށްފައެވެ.

ކަވާނީގެ ހުރަހަކަށް އަރާ ވެންބިސާކާ ޖެހި ބޯޅައެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ރޭގެ މެޗުގައި އާސެނަލްއާ އަލަށް ގުޅުނު މާޓިން އޮޑެގާޑް ފެނިފައިވެ އެވެ. އޮޑެގާޑަކީ މީގެ ދެ ދުވަސް ކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން އާސެނަލްއަށް ގެންދިޔަ މިޑްފީލްޑަރެކެވެ.