މ. ކޮޅުފުށިން ލ. ގަމަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ގަމުގެ 10 ގެއެއް ކަރަންޓީނުކޮށްފިއެވެ.

ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކޮޅުފުށިން އެ ރަށަށް ބޭސްފަރުވާއަށް ދިޔަ ތިން މީހަކު އަނބުރާ ކޮޅުފުއްޓަށް ދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ކޭސްތަކާ ގުޅިގެން ގަމުގެ 10 ގެއެއް މޮނިޓަރިންއަށް ލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ކޮޅުފުށިން އެރަށަށް ބޭސްފަރުވާއަށް ދިޔަ ތިން މީހުން، ގަމަށް ދިޔައީ އެމީހުންގެ ގޭގައި ދިރިއުޅޭ ބަޔަކު ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގައި ނަތީޖާ ނުލިބެނީސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ރަށަށް ދިޔަ ފަހުން އެގޭ މީހުން ޕޮޒިޓިވްވިކަން އެނގުނު ކަމަށާއި އޭގެ ފަހުން އެ ތިން މީހުންވެސް ޕޮޒިޓިވް ވެފައިވާކަން ރޭގެ ވަގުތެއްގައި އެންގި ކަމަށް ވިދާޅުވިއެވެ.

ކޮޅުފުށިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުމާއެކުވެސް، ގަމު ކައުންސިލާއި ހޮސްޕިޓަލާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ކަމަށް ޝާހީން ވިދާޅުވިއެވެ. އަދި ކޮޅުފުށިން އެރަށަށް ބޭސްފަރުވާއަށް ދިޔަ މީހުންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ.

"މި ތިން މީހުން ޕޮޒިޓިވްވުމުގެ ކުރިންވެސް އެރަށުން ޕޮޒިޓިވް ކޭސްތައް ފެނުނުކަން އެނގުނު ހިސާބުން އަޅުގަނޑުމެން މިރަށުގެ ޓާސްކްފޯހާއި ހޮސްޕިޓަލާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިޔައީ އަޅަމުން. އެއީ ކޮޅުފުށިން ވަރަށް ގިނަ ބަޔަކު މިރަށަށް އައި ސިއްހީ ފަރުވާއަށް. އެހެންވެ އެމީހުންނާ ވަރަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިތާ ހުންނާނީ. އެހެންވެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދިޔައީ ކުރަމުން. ދެން ރޭގަ އަޅުގަނޑުމެންނަށް މި އެނގުނީ އެންމެ ފަހުން މިރަށަށް އައި ތިން މީހުންވެސް ޕޮޒިޓިވްވިކަން. އެވަގުތުން ފެށިގެން އެމީހުން މިރަށުގައި ތިބި ގެއާއި އެމީހުންނާ ކޮންޓެކްޓުވި މީހުން ތިބި ނުވަ ގެއެއް ކަރަންޓިނަށް ލީ." އޭނާ ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ މިހާތަނަށް ގަމުން ނެގި އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި އެހެންނަމަވެސް 14 ދުވަހަށް 10 ގެއެއްގެ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި 14 ދުވަސް ފަހުން އިތުރަށް ޓެސްޓު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮޅުފުއްޓަށް ބަލި ފެތުރުނީ ގަމުން ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. ގަމުގެ ކޮމިއުނިޓީ ތެރެއިން މިހާތަނަށް މި ބަލި ފެނިފައިނުވާ ކަމަށާއި އެހެންކަމުން ކޮޅުފުއްޓަށް މި ބަލި ފެތުރުނީ ގަމުން ނޫންކަން ޔަގީންވާ ކަމަށެވެ. އަދި މިގޮތަށް ވާހަކަދެއްކުމުން ގަމުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމަށާއި މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު ނުވަ މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އަދި ރެއާ ހަމައަށް ނެގި ސާމްޕަލްތަކުން އިތުރު 12 މީހަކު ޕޮޒިޓިވްވެ އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.