އަމީނީމަގުގެ ދެކުނުން ގުޅިފައި ހުރި ގޯޅިތަކުން، ޕާކިން ޒޯންތައް ކުއްޔަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ބުރުގައި ދޫކުރަން ނިންމާފައިވަނީ 350 ކިލޯ ހުންނަ ޕިކަޕަށާއި ކާރަށް ކަމަށެވެ. އެގޮތުން 292 ޖާގައެއް މި ޒޯންތަކުން ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މި ޕާކިން ޒޯންތައް ވިއްކަނީ މަހެއްގެ މައްޗަށް 1500 ރުފިޔާގެ ރޭޓުންނެވެ. އަދި މި ޖާގަތައް ވިއްކާނީ ހަމައެކަނި މާލޭގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ޕާކިން ޒޯނުން ޖާގަ ބޭނުންވާ ފަރާތްތަކުން ޖާގަ ގަތުމަށް ހުށަހަޅާނީ، އެކަމަށް ހާއްސަކޮށްފައިވާ "ޕާކިން ޕޯޓަލް" މެދުވެރިކޮށް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މާދަމާ މެންދުރުފަހު އެކަމަށް ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

ޕާކިން ޒޯން ވިއްކާފައިވާ އުޅަނދު ނޫން އެހެން އުޅަނދެއް އެ ޖާގައިގައި ޕާކް ކުރުމަކީ މަނާކަމެކެވެ.