ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ހުރިހާ ހިދުމަތް އޮންލައިންކޮށްފިއެވެ.
އޭޑީކޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާންމުންނާއި ސިއްހީ ހިދުމަތްތެރިންގެ ރައްކަލަކަށްޓަކައި އަދި އެ ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންތަކެއް ކަރަންޓީނުގައި ތިބުމާ ގުޅިގެން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހޮސްޕިޓަލުގެ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އެމަޖެންސީ ހާލަތުގައި ނޫން އެހެން ހާލަތެއްގައި ބަލި މީހުން އެޑްމިޓު ކުރުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެމަޖެންސީ ސާޖަރީތައް ނޫން އެހެން ހުރިހާ ސާޖަރީތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށާއި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރުން މަނާކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭޑީކޭ އިން ބުނީ މި ބަދަލުތަކާއެކުވެސް އިމަޖެންސީގެ ހިދުމަތްތަކާއި، ޑައެގްނޯސްޓިކް ހިދުމަތްތައް އެ ހޮސްޕިޓަލުން ދޭނެ ކަމަށެވެ. އަދި ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނައުމަށާއި، އަންނަ އިރު ބަލި މީހާއާއެކު އެންމެ އެހީތެރިއެއް އައުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭޑީކޭގެ ހިދުމަތްތަކަށް މިއަދު ބަދަލު ގެނެސްފައިވާ އިރު، މީގެ ކުރިން އެ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޔުނިޓުގައި މަސައްކަތް ކުރާ 14 މުވައްޒަފަކު ވަނީ ކަރަންޓީނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު