ރ. ދުވާފަރު

ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން "ދުވާފަރު އެކުވެނި ބީޗް" ވަރަށްވެސް ހިތްގައިމު!

އަލީ އަފާފް ރަމީޒު

ދޭތެރެއަކުން ސޯޝަލް މީޑިއާގައި ކޮންމެވެސް ރަށެއްގެ ބީޗުގައި "މޮޅު" އުނދޯއްޔެއް ނުވަތަ ރަށުގެ ނަން ފަވާލާފައިވާ ބޯޑެއް ހަރުކޮށްފައި މޫދުގައި ބަހައްޓާފައި ހުންނަ ފޮޓޯތައް ދައުރުވެއެވެ. ހާއްސަކޮށް ކޮވިޑުގެ ލޮކްޑައުނާ ގުޅިގެން ރަށްރަށުގެ ރައްޔިތުން، ރަށުގެ ރީތިކަން ބައްޓަން ކުރުމުގައި އުޅެނީ އަވަދިނެތިއެވެ. ރ. ދުވާފަރުގައިވެސް މިވަނީ އެކަހަލަ ރީތި، މޮޅު އުނދޯލިތަކަކާއެކު ވަރަށްވެސް ހިތްގައިމު ރީތި ބީޗެއް ތައްޔާރުކޮށް، ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފައެވެ.

އާބާދީގައި 5000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ މި ރަށަކީވެސް ގުދުރަތީ ގޮތުން ވަރަށްވެސް ރީތި ރަށެކެވެ. ތަރައްގީވެ ކުރިއަރަމުން އަންނަ މި ރަށުގެ ރައްޔިތުންގެ އެދެމުންދިޔައީ އާއިލާއާއެކު ހިތް އުފާކޮށް މަޖާކޮށްލާނެ ބީޗަކަށެވެ. ރައްޓެހިންނާއެކު ބާބަކިއު ހަދާލަންދާނެ އަތިރިމައްޗެކެވެ. މިއަދު މިވަނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދާއި އެރަށު ކައުންސިލާއި ޒުވާނުންނާއި ޖަމިއްޔާތައް ގުޅިގެން އެ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ. "ދުވާފަރު އެކުވެނި ބީޗް" މިވަނީ ރައްޔިތުންނަށް ހުޅުވާލައިފައެވެ.

ދުވާފަރުގެ ރައްޔިތުން މޫދަށް އެރުމަށާއި ބީޗް ކުޅިވަރުތައް ކުޅެން ގޮސް އުޅުނީ އެ އަތޮޅު މާކުރަތަށާއި އުނގޫފާރަށެވެ. ލޮކްޑައުންގައި ރަށުގައި ހުންނެވި މެމްބަރު އިސްމާއިލް އަހުމަދަށް އެ މަންޒަރުތައް ބަލަން ކެތެއް ނުވިއެވެ. އަދި މެމްބަރު ނިންމެވީ ޒުވާނުންނާއި ޖަމިއްޔާތަކާ ވާހަކަދައްކައިގެން ރަށުގައި ޒަމާނީ ފެންވަރުގެ ބީޗެއް ހެދުމަށެވެ. އެކަމަށް ލިބިގެންދިޔައީ ވަރަށްވެސް ފުރިހަމަ ތަރުހީބެކެވެ.

"މިރަށުގެ ރައްޔިތުން މޫދަށް އެރި، ސަކަރާތް ޖަހަންދަނީ މިއަތޮޅު ދުވާފަރަށާއި މާކުރަތަށް. އެއީ މިރަށުގައި ބީޗެއް ނޯންނާތީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދަށް އެކަން ފާހަގަކުރެވިގެން ރައްޔިތުންނާއި ޒުވާނުން ކައިރިން މިކަންކަން އޮޅުންފިލުވީ. އެއަށްފަހު ނިންމީ ޒުވާނުންނާއި އެރަށުގެ ޖަމިއްޔާއާ ބައްދަލުކޮށް މަޝްވަރާ ކުރަން. މެމްބަރު ހުށަހެޅީ އެރަށުގައި ޒަމާނީ ފެންވަރުގެ ބީޗެއް ހަދަން. އެކަމަށް އެންމެންވެސް ކީ ވަރަށް ހޫނު މަރުހަބާއެއް. އެއަށްފަހު ކައުންސިލާ ވާހަކަ ދެކެވި، ކައުންސިލްގެ ވެސް އެއްބާރުލުމާއެކު މަސައްކަތް ފެށީ،" ދުވާފަރު ބީޗް ހެދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އަލީ "ވަން" އަށް ކިޔައިދިނެވެ.

ޒަމާނީ ފެންވަރުގެ ބީޗެއް ތަރައްގީކޮށް، ނަތީޖާ ނެރުމަށް އެކުލަވާލީ ކޮމެޓީއެކެވެ. އެ ކޮމެޓިގައި ޒުވާނުންނާއި އެރަށުގެ ޖަމިއްޔާތަކާއި އިސްފަރާތްތައް ހިމެނުނެވެ. އެ ކޮމެޓީގެ ކަންކަން ކުރިއަށްދިޔައީ މެމްބަރު އިސްމާއިލް އަހުމަދުގެ ބެލުމުގެ ދަށުންނެވެ. ބީޗްގެ ޑިޒައިނާއި މަސައްކަތްތައް ބަހާލައިގެން ކުރިއަށްގެންދާނެ ގޮތްތައްވެސް ރޭވިގެން ދިޔައީ އެ ކޮމެޓީގައެވެ.

"މެމްބަރުގެ ބެލުމުގެ ދަށުން ކޮމެޓީއެއް އެކުލަވާލައިގެން ހުރިހާ މަސައްކަތްތައްވެސް ކުރިއަށްގެންދިޔައީ، ޑިޒައިންގެ މަސައްކަތުން ފެށިގެން ތަކެތި ހޯދުމާއި މަސައްކަތްތައް ބަހާލައިގެން ކުރިއަށްގެންދާނެ ހުރިހާ ގޮތްތައްވެސް ރޭވިގެން ދިޔައީ ކޮމެޓީގެ ތެރެއިން، ކޮމެޓީގެ ބެލުމުގެ ދަށުން،" އަލީ ބުންޏެވެ.

ގާތްގަނޑަކަށް 25 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފައިވާ މި ބީޗްގެ ހާއްސަ ކަންކަން ވަރަށްވެސް ގިނައެވެ. އެގޮތުން އެންމެ ހާއްސަ އެއް ކަމަކީ މޫދުގައި ބަހައްޓާފައިވާ އެނބުރޭ އުނދޯއްޔެވެ. އުސްމިނުގައި 20 ވަރަކަށް ފޫޓް ހުންނަ މި އުނދޯލީގައި ހަތަރު މީހުންނަށް ތިބެވެއެވެ. އޭގެ އިތުރަށް ހެއްލާ ދެ އުނދޯއްޔާއެކު "އައި ލަވް ދުވާފަރު" ޖަހާފައިވާ ތިން ބޯޑުވެސް މޫދުގައި ބަހައްޓާފައިވެއެވެ.

"ތަފާތު ގިނަ ހަރަކާތްތައް އެއް ސަރަހައްދަކުން ގެންދެވޭ ގޮތަށް ހަދާފައި މިވަނީ، ބާބަކިއު ހެދުން، އެންމެ ހާއްސަ ކަމަކީ އެހެން ރަށްރަށުގައި ނުހުންނަ އެނބުރޭ އުނދޯއްޔެއް ހުންނާނެ. އުސްމިނަށް 20 ފޫޓް ހުންނާނެ. މޫދުގައި ބަހައްޓާފައި ހުރި މި އުނދޯއްޔަށް ހަތަރު މީހުންނަށް އެރޭނެ. މަތިން ތިރިއަށް އެނބުރޭނީ، ހުރިހާ އެންމެނަށްވެސް ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުންނާނީ،" އަލީ ބުންޏެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހަދާފައިވާ ކައްސާ ސިޑި ނުވަތަ ސްލައިޑަކާއި ފަތާ ޓްރެކެއްވެސް ހިމެނެއެވެ. އަދި އެތަން ތަރައްގީކޮށްފައިވަނީ ހިޔާކޮށްފައިވާ ސަންބެޑާއި އުނދޯލިތަކާއި ބާބަކިޔު އޭރިއާއެއްގެ އިތުރުން ބީޗް ކުޅިވަރުތައް ކުޅެވޭ ގޮތަށެވެ. އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ބީޗަށް ވަންނަ ދޮރެވެ. ލަކުޑިތަކެއް ބޭނުންކޮށްގެން ދޮރޯށި ހަަދާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ.

"ޒަމާނީ ގޮތަށް ބަދަލު ގެނެސްގެން މީހުން ޝައުގުރުވެރިވާ ގޮތަށް ތިމާވެއްޓާ ރަށްޓެހި މިހުރިހާ ބައެއްވެސް އެކުލެވޭ ގޮތަށް ޑިޒައިން ކުރީ. އެހެންވެ ގިނަ ބަޔަކަށް ކަމުދިޔައީ، ރައްޔިތުން ބަލައިގަތީ،" އަލީ ބުންޏެވެ.

ޒަމާނީ ފެންވަރަށް ހަދާފައިވާ މި ބީޗްގެ މަސައްކަތަކީ އެރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ބުރަ މަސައްކަތެވެ. ބީޗް ހެދުމަށް އެރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ލިބިގެންދިޔައެވެ. އެގޮތުން ބީޗް ހަދާފައިވަނީ މެމްބަރު އިސްމާއިލް އަހުމަދާއި ޖަމިއްޔާތަކާއި ކައުންސިލްތަކާއި ޒުވާނުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުގެ ފައިސާގެ އެހީއާއެކު ކަމަށް އަލީ ބުންޏެވެ.

"ދުވާފަރު އެކުވެނި ބީޗް" އިއްޔެ ހަވީރު ވަނީ ރަސްމީކޮށް ހުޅުވާލައިފައެވެ. އެރަށުގެ ކުދިބޮޑު އެންމެން ވަނީ ބީޗަށް ގޮސް، އެ އުފާވެރިކަމުގައި ބައިވެރިވެފައެވެ. އެރަށަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ރައްޔިތުން ދިގު އިންތިޒާރެއް ކުރަމުންދިޔަ ކަމަކަށް ހަގީގީ ކުލަ ޖައްސައިދީ، އުފާވެރިކަން މިވަނީ ގެނެސްދީފިއެވެ.