ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރެއް ހަދަން މިފްކޯ އިން ނިންމައިފި އެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓު އިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ތިނަދޫ ކައުންސިލް މެމްބަރުން އަދި މިފްކޯގެ އިސް ބޭފުޅުންނާއި އެ ސަރަހައްދުގެ ބައެއް މަސްވެރިން ބައިވެރިވި އެ ރަސްމިއްޔާތުގައި މިފްކޯ އިން ވަނީ މަސް ގަންނަ ސެންޓަރުގެ ކޮންސެޕްޓު ކުރެހުންތައް ވެސް ދައްކާލައިފަ އެވެ. އޭގެ އިތުރުން އެ ސެންޓަރުގައި ދެވޭނެ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކޮށް، މަސް ގަތުމުގައި އަދި މަސް ރައްކާކުރުމުގައި ވާނެ ފަސޭހަތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރި އެވެ.
މިފްކޯ އިން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ ސެންޓަރަކީ 50 މެޓްރިކްޓަނުގެ މަސް ރައްކާކުރެވޭނެ ފެސިލިޓީއެއް ކަމަށެވެ. އަދި ޖުމްލަކޮށް މަސް ގަތުމުގެ އޮޕަރޭޝަން ހިމެނޭ ގޮތަށް 80 މެޓްރިކްޓަން މެނޭޖުކުރެވޭނެ ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ، މި ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރަށު ކައުންސިލުން ދީފައިވާއިރު، މިފްކޯ އާއި މިނިސްޓްރީއާއެކު މަސައްކަތްކޮށް އެ ސެންޓަރު ގާއިމުކުރުމަށް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިހުގައި ތަމްސީލު ކުރައްވާ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފައުޒީ ވަނީ، މަސްވެރިން ދެއްކި ވާހަކަތައް އަޑުއައްސަވައި، ބޭނުންވާކަންކަން ފަހިކޮއްދިނުމަށް މިފްކޯ އިން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މިނިސްޓަރު ޒަހާ ވެސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތައް ބައްލަވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހަލުވިކަމާއެކު ކުރުމަށް ކުރަން ހުރި މަސައްކަތްތައް ފަހިކޮއްދިނުމަކީ މިނިސްޓަރީން އިސްކަމެއް ދީގެން ކުރާ ކަންކަން ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު