ބާއްޖަވެރިކަމުގެ އަސާސުތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ ކުރެވޭ މޮޔަ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ހަގީގީ ބާއްވެރިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މި ދުނިޔޭގައި ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި، ބާއްޖަވެރި، ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އެގޮތުން އެއް ބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިވުމަކީ މުއްސަނދިކަން ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުން ނުވަތަ މަތީ މަގާމަކަށް ވާސިލުވުން ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ހާސިލުވުން ކަމަށް ބުންޏެވެ.

ނަމަވެސް ހަގީގީ ބާއްޖަވެރިކަމަކީ އަޅާ ﷲ އަށް އީމާންވެ، ﷲ އެންގެވި ގޮތް އިހްތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން ﷲ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުއޫރެއް ކަމަށާއި އަދި އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާވުން ކަމަށްވާއިރު، މާތް ﷲ އަށް އީމާންވުމުގެ މާނައަކީ އެކަލާނގެއީ އެއްކައުވަންތަ އިލާހު ކަމާއި ބައްލަވައިވޮޑިގަންނަވާ އަދި އައްސަވައިވޮޑިގަންނަވާ ރަސްކަލާނގެ ކަމާއި އެ ކަލާނގެ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވަކަން ހިތުން ތެދުކޮށް، ކަށަވަރުކޮށް ގަބޫލުކުރުން ކަމަށެވެ. އަދި ﷲ އަށް އީމާންވެ، އެކަލާނގެ އަށް ފުރިހަމަ ގޮތުގައި ކިޔަމަން ގަނެގެން މެނުވީ، އަޅާއަށް ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށެވެ. ނަމަވެސް މިއަދު ކޮންމެ މީހަކު ވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދަން ކަމަށާއި އެގޮތުން އެކިއެކި ކަންކަމުގައި އަވަދިނެތި މަޝްއޫލުވެ އުޅޭއިރު، ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި ގަދަ ކީރިތިވަންތަ ﷲ ހަނދުމަކުރަން ވެސް ހަނދާނެއް ނުހުންނަ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެކަލާނގެ އެންމެ ބޮޑަށް ލޯބިވޮޑިގެންނަވާ ފަރުޟު ފަސް ނަމާދު މަތިން ވެސް ހަނދާން ނުހުންނަ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އެގޮތުން މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދު ކަމަށާއި ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެ ކަމަށެވެ. އެހެންކަމުން އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަންނަންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ﷲއާމެދު އަޅާގެ ހިތުގައި އޮންނަ ޔަގީންކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ. އެ ޔަގީންކަން ލިބޭނީ ހަމައެކަނި އީމާންކަމުން ކަމަށާއި އެ ޔަގީންކަން ލިބުމުން އިންސާނާއަށް އޭނާގެ ނަފުސާ މެދު ޔަގީންކަން އުފެދި، ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމާމެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެ ކަމަށް ބުންޏެވެ.