މިއަހަރު ނިމުމުގެ ކުރިން ދިހަ ވަރަކަށް ރަށުގައި ފުލުހުންގެ ހިދުމަތް އަލަށް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިގޮތަށް ވިދާޅުވީ، ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަހަރު މުޅިން އަލަށް ފުލުހުންގެ ހިދުމަތް ފެށި ފުރަތަމަ ރަށުގެ ގޮތުގައި ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން, މިއަހަރު މަދުވެގެން ދިހަ ވަރަކަށް ސްޓޭޝަން ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ފުލުހުންގެ ހިދުމަތަކީ މުހިއްމު ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހިންގަވަން މިއަދު އިސްކޮށް ތިއްބެވި ބޭފުޅުން ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިއަދު ރަށްރަށުގެ ހާލަތާ ކުށުގެ ވެށި ވަރަށް ބޮޑަށް ތަފާތުވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމްވެ ތިބެ, ކައިރިން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް މިއަދު ސަރުކާރު ގަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ހިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައި" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަމާންކަން ކަށަވަރުވުން އޮތީ ރައްޔިތުންނަށް ވަރަށް މުހިންމު ދެ ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ތަނަވަސްކަމާއި ރޯދި ބަރަކާތް ލިބުމާއި އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުން ކަމަށެވެ.

އެގޮތުން ކެޔޮދޫގައި އެކަށީގެންވާ ވަރުގެ އިގުތިސޯދީ ހަރަކާތްތައް ހިނގަމުން އަންނައިރު އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް މިއަދު އިންތިޒާރު ކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް ކަމަށާއި އަދި ޕޮލިސް ޕޯސްޓެއް އެރަށުގައި ހުޅުވުމުން އެމަގަށް މަގުފަހިކޮށްދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.