ރާއްޖޭގައި ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހަދަން ފެށުމުގެ މަސައްކަތަށް ފުލުހުން ތައްޔާރުވާން ފަށައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން ފުލުހުންނަށް މިހާރު ވަނީ އާއިލާގެ ރުހުމާ ނުލައިވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ދީފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދޭނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައެވެ.
ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ މަރުވި އަސްލު ސަބަބު ކަނޑައެޅިގެން ބުނެދެވެން އަންނަނީ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީއެއް ހަދައިގެން ކަމަށާއި އެހެންކަމުން ޕޯސްޓްމޯޓަމްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައިވެސް މި ހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއްވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މި ދާއިރާކީ. ވަކިން ހާއްސަކޮށް ރާއްޖެއަށް އެތަކެއް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޕްރޮފެޝަނަލްކޮށް އިންތިޒާމްވެފައި ހުރުމަކީ އެފަދަ ފަރާތްތަކުގެވެސް އިތުބާރު ބޮޑުވެގެންދާނެ ކަމެއް،" ޕޯސްޓްމޯޓަމް ފެށުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތް ކަމަށްވާ ޕެތޮލޮޖިސްޓު އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ވިދާޅުވިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވަނީ ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރަމުން އަންނަ ކަމަށާއި އެގޮތުން ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި އެކި މިންވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު ލިބިގެން ދިއުމުން އަނެއްކާވެސް އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް މިހާރަށްވުރެ ރޭވުންތެރިކަމާއެކު މިކަމަށް ހާއްސަ ވަކި ޓީމެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.
"އޮޓޮޕްސީ ނުހެދޭތީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެނުދެވޭ. މަރުވިކަން އެބަ ބުނެދެވޭ. އަދި ޖެނެރެލީ މަރުވާން ދިމާވީ މިހެންވެގެންނޭ އެބަ ބުނެދެވޭ. އޮޓޮޕްސީއެއް ހެދުމުން މި ބަލާ އެއްކަމަކީ މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބަކީ ކޮބައިކަން. އެންމެ ފުރަތަމަ ދިމާވީ ކޮން ސަބަބެއްތޯ. އޭގެ ސަބަބުން ދެން އަންނަ ޗެއިން އޮފް ރިއެކްޝަންތަކަކުން މީހަކު މަރުވެގެން މިދަނީ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތުކޮށްދޭންޖެހޭ އެއްކަމަކީ އެއީ،" ޑރ. ހަސަން އުމަރު ވިދާޅުވިއެވެ.
ޑރ. އުމަރު ވިދާޅުވީ ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ބޮޑަށް ބަރޯސާވަނީ ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް އެކަން ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވަރޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމަ އަސްލުގަ މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެވެސް ތަސައްވުރަކީ. އެގޮތަކަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ،" ޑރ. އުމަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު މިވަގުތު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމެއް ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ތަހުގީގީ ބޭނުންތަކަށް އޮޓޮޕްސީ ހަދަން ކޮންމެހެން މުހިންމު ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން އެކަން ހަމަޖައްސައިދެވޭ ނަމަވެސް އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން މި ދަތިތަކުން އަރައިގަނެވި މި ހިދުމަތް ރާއްޖޭގައި އަވަހަށް ފެށިގެންދިއުމަކީ އުންމީދެއް ކަމަށްވެސް ޑރ. އުމަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު