އިންޑިއާއިން އުފެއްދި ކޮވިޑު ވެކްސިން، "ކޮވިޝީލްޑް" ލަންކާއަށް ގެންގޮސްފި އެވެ.

އިންޑިއާ އިން ވަނީ ލަންކާއަށް ކޮވިޝީލްޑުގެ 500،000 ޑޯޒް ފޯރުކޮށްދީފައެވެ. މިއަދު އެގައުމުގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާއިރު ވެކްސިން ފުރަތަމަ ދޭނީ ވެރިރަށް ކޮލަންބޯގެ ހަ ހޮސްޕިޓަލެއްގަ އެވެ.

ލަންކާގެ ހެލްތު މިނިސްޓަރީން ބުނާ ގޮތުން، ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެ ހަ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އަދި ވެކްސިން ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންގެ 25 ޕަސެންޓް މީހުންނަށް ވެކްސިން ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ލަންކާގައި ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 60،000 އިން މައްޗަށް އަރައިފަ އެވެ. އަދި އެ ބަލީގައި 290 މީހަކު ވަނީ މަރުވެފަ އެވެ.