ރާއްޖެ އަށް މިހާރު ލިބިފައި ހުރި ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.
އެމްއެފްޑީއޭ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިދިޔަ އަންގާރަ ދުވަހު އެ އޮތޯރިޓީން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާ އެކު ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ ވެކްސިނާ ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލިބެލުމުން، މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން" އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަން ޔަގީންކުރެވޭ ކަމަށެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކޮށްފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައިނުވާ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
"އާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ރިއެކްޝަންއެއް އައުމުގެ ފުރުސަތު އޮންނަ އެއްޗެއްކަން ފާހަގަކުރަން. އެހެންކަމުން އެމްއެފްޑީއޭ އާއި މިނިސްޓްރީ އޮފް ހެލްތު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނިޓާކުރަމުން ގެންދާނެ،" ބަޔާނުގައިވެއެވެ.
މި ވެކްސިނަކީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަމުގެ މިހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިން ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އިން އަދި ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން ހެލްތު އެމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް އާ ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރާއްޖޭގައި ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ އެއް ލައްކަ ޑޯސް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި ވެކްސިންގެ ޝިޕްމަންޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.
މި ވެކްސިނަށް ހުއްދަ ދީފައިވާ ނަމަވެސް ކޮވިޑް ވެކްސިން ޖަހަން ފަށާނެ ތާރީހެއް ހާމަކޮށްފައެއްނުވެއެވެ. ރާއްޖެ ގެނެސްފައިވާ ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެނައި ޝިޕްމަންޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު