ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި 400 ކިލޯވޯޓުގެ ބެކަޕް ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ޕެނަލް ބޯޑެއް ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އަހުމަދު އާދިލެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ހެލްތު މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކޮށްފައިވަނީ 45 ކޭވީއޭ ބެކަޕް ޖަނަރޭޓަރާއި ޕެނަލް ބޯޑު ހޯދައި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ޖަނަރޭޓަރުތަކަކީ ރަށުން ކަރަންޓު ކެނޑޭ ވަގުތު ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބަހައްޓާ ޖަނަރޭޓަރުތަކެއް ކަމަށް ބުންޏެވެ.
މި އެއްބަސްވުންތަކުގެ ދަށުން ކުޅުދުއްފުށި ހޮސްޕިޓަލާއި ތިނަދޫ ހޮސްޕިޓަލުގައި ބެކަޕް ޖަނަރޭޓަރު ބަހައްޓަން ފެނަކައާ ހަވާލުކުރީ 3.4 މިލިއަން ރުފިޔާއަށެވެ. އުނގޫފާރު ހޮސްޕިޓަލުގައި ބެކަޕް ޖަނަރޭޓަރު ހަރުކުރަން ހަވާލުކުރީ 3.2 މިލިއަން ރުފިޔާއަށެވެ. އަދި މި ތިން ހޮސްޕިޓަލުގައި ތިން މަސް ދުވަސް ތެރޭގައި ބެކަޕް ޖަނަރޭޓަރު ބަހައްޓައި ނިންމަންޖެހެ އެވެ.
މީގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީޓީ ރޫމަށް ބޭނުންވާ ކަރަންޓު ގުޅުމަށްޓަކައި އަޅާފައިވާ މައިކޭބަލް ބޯޑަށް ގުޅުމާއި ސީޓީ ރޫމުގައި ޑިސްޓްރިބިއުޝަން ބޮކްސް ބެހެއްޓުމުގެ މަސައްކަތް ވެސް އިއްޔެ ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ. އެއް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 132,311 ރުފިޔާއަށެވެ.