ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވިސް މުވައްޒަފުން މާދަމާ އިން ފެށިގެން ވަޒީފާއިން ސަސްޕެންޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކާބެހޭ ހާއްސަ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުގެ މަތިން، ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްްކަތްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާދަމާ ފަށާނެ އެވެ.
އެކަމާ ގުޅިިގެން ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުން މާދަމާއިން ފެށިގެން މަގާމުން ސަސްޕެންޑުވި ނަމަވެސް، އިންތިހާބުން ނަން އަނބުރާ ގެންގޮސްފިނަމަ އެ މުވައްޒަފަކަށް އަލުން ވަޒީފާއަށް ރުޖޫއަވެވޭނެ ކަމަށެވެ.
ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި މީހުން އެގޮތަށް ސަސްޕެންޑު ނުވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށްފަހު، އެއީ އިންތިހާބުގެ ކެންޑިޑޭޓުން ކަަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ހިނދުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން ވަޒީފާއިން ސަސްޕެންޑުވާނެ އެވެ. އޭގެ ތެރެއިިން އިންތިހާބު ކާމިޔާބުނުވާ މީހުންގެ ސަސްޕެންޝަން ރުޖޫއަވާނީ އިންތިހާބު ބާއްވައި ނިމުމަށްފަހުގަ އެވެ.
ނަމަވެސް ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކައުންސިލް އިންތިހާބު، ކޮވިޑް-19 އާ ގުޅިގެން ނުބޭއްވި އެކި ފަހަރު މަތިން ފަސްކޮށް، އެންމެ ފަހުން ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނަކުން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކުރީ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒިފުންގެ ސަސްޕެންޝަން އުވާލައި، އިންތިހާބު ބާއްވަން ގާނޫނުގައި ކަނޑައަޅާފައި އޮތް ތާރިހު ކަމުގައިވާ އޭޕްރީލް ހަތަރަކުން ފެށިގެން އެ މުވައްޒަފުންނަކީ މަގާމަށް ނުކުމެފައިވާ ބައެއް ކަމަށް ކަނޑައަޅައިގެންނެވެ.
ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން މިހާރު އިންތިހާބު ބާއްވަން ނިންމާފައިވަނީ، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު