ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި މިއަހަރު ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީއައި)ގެ ފަރާތުން މިއަދު ނެރުނު 2020 ސީ.ޕީއައި ގައި ރާއްޖެ ވަނީ 14 ޕޮއިންޓު މައްޗަށް ޖެހިލައިފި އެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖެ އޮތީ 43 ޕޮއިންޓާއެކު 75 ވަނައިގަ އެވެ. އަދި 2019 ވަނަ އަހަރު ރާއްޖެ އޮތީ 29 ޕޮއިންޓާއެކު 130 ވަނައިގަ އެވެ.
މިއީ ކޮންމެ އަހަރަކު ދުނިޔޭގެ 183 ގައުމާއި އެ ގައުމުތަކުގެ ދައުލަތުގެ މަސައްކަތްތަކުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރާ މިންވަރު، ސާވޭކޮށްގެންނާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާއެކެވެ. މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިދިޔަ އަހަރުގެ ނަތީޖާ ނެރުމަށް ތިން ރިއާޔަތް ކޮށްފައިވަނީ ބައިނަލްއަގުވާމީ ތިން މަސްދަރަކަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުނަޝަލް އެސެސްމަންޓަށް ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ސީޕީއައި ގައި ކުރި ހޯދުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވީނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގައި ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން މި ސާވޭ އިން ދައްކާ ކަމަށް ބުންޏެވެ.
ކޮރަޕްޝަނަކީ ކޮވިޑާއި އެހެނިހެން ކާރިސާތަކާއި ދެކޮޅަށް އިންސާފުވެރި ކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަކަށްވާއިރު ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ބޮޑު ސިޔާސަތުތައް ގެންގުޅުން މުހިންމުކަން ފާހަގަކޮށް، އެ ޖަމިއްޔާ އިން ވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކޮށް ދިވެހި ސަރުކާރަށް ހަތަރު ކަމެއް ހުށަހަޅައިފަ އެވެ.
އެއީ ވަސީލަތްތައް ފޯރޮކޮށްދެވެނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށްތޯ ކަށަވަރުކުރުމުގެ ގޮތުން، މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށާއި ކޮންޓްރެކްޓިން ނިޒާމަކީ، ކޮންޓްރެކްޓިންގެ އުސޫލުތަކާއި ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށާއި މަސްލަހަތު ފުށު އަރާ ކަންތައްތައް ފާހަގަކުރުމުގެ އިތުރުން ރަނގަޅު އިންސާފުވެރި އަގުތައް ކަށަވަރުކުރުމަށްޓަކައި ހުޅުވައިލެވިފައިވާ، ހާމަކަން ބޮޑު ނިޒާމެއްކަން ކަށަވަރުކުރުމަށެވެ.
އޭގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ބައިވެރިވުމަށް ބާރުއަޅައި ޑިމޮކްރަސީ ދިފާއުކުރުމަށާއި ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތު، ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ސަރުކާރުން ހަރަދުކުރަމުންދ އަންނަ ގޮތާއި ވަސީލަތްތައް ބޭނުންކުރަމުން އަންނަ ގޮތުގެ މައުލޫމާތު ފަސޭހަކަމާއެކު ވަގުތުން ވަގުތަށް ލިބުން ޔަގީންކުރުމަށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭކަން ކަށަވަރުކުރުމަށް ގޮވާލާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު