ތިން ރަށެއްގައި ނުނިމި ހުރި 269 ހައުސިން ޔުނިޓެއްގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދަން ބިޑަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ތ. ވިލުފުއްޓާއި ހދ. ކުޅުދުއްފުށި އަދި ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ހިމެނޭ ޕްރޮޖެކްޓުތަކަކީ ތ. ވިލުފުށީގައި އިމާރާތް ކުރަން ފަށާފައިވާ 64 ހައުސިން ޔުނިޓުގެ މަސައްކަތާއި ކުޅުދުއްފުށި ސިޓީގައި އިމާރާތް ކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް އަދި ހދ. ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވި ގޮތުގައި، ވިލުފުށީގައި އިމާރާތް ކުރަން ނިންމި 100 ގޭގެ ތެރެއިން 64 ގެއެއްގެ ސްޓްރަކްޗާ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި 64 ގޭގެ ތެރެއިން 33 ގޭގެ ފުރާޅުގެ މަސައްކަތް ނިންމި އިރު، 46 ގޭގެ މަސައްކަތް އެއްވެސް ވަރަކަށް ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ހަނިމާދޫގައި ހަދާ 100 ޔުނިޓުގެ ތެރެއިން 54 ޔުނިޓުގެ ކޮންކުރީޓް ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަކުގެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ރާއްޖެއިން ބޭރު ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ކުރިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން ކަމަށާއި އެގޮތުން އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި މަަސައްކަތްތަކަށް ބީލަން ހުޅުވުން އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު