އިނގިރޭސި ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުން އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބޭކާރު ކޮށްލައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 2-1 އިން ޝެފިލްޑް ކާމިޔާބު ކުރިއިރު، ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑަށް ލީގުގެ އެއްވަނައަށް އެރެވެން އޮތެވެ. މިވަގުތު އެއްވަނައިގައި އޮތް ސިޓީއަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް 20 މެޗު ކުޅެގެން ލިބުނީ 40 ޕޮއިންޓެވެ. ސިޓީ އަތުގައި އިތުރު މެޗެއް އޮތްއިރު އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގަން ސިޓީއަށް ވަނީ ފުރުސަތު ފަހިވެފައެވެ.

ރޭގެ މެޗަށް ނުކުތްއިރު ޝެފީލްޑަށް ސީޒަންގައި ހޯދިފައި އޮތީ އެންމެ މޮޅެކެވެ. ދަށް ފޯމެއްގައި އެޓީމު އޮތް ނަމަވެސް މެޗުގެ ފުރަތަމަ ލީޑު ނެގީވެސް ޝެފީލްޑްގެ ކީން ބްރައިންއެވެ. އެ ގޯލަކީ ކޯނަރެއްގެ ފައިދާ ނަގައި، އެޓީމުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، 64 ވަނަ މިނެޓުގައި ކެޕްޓަން ހެރީ މެގެއާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އެ ގޯލާއެކު ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗު ނިމެން 16 މިނެޓަށް ވެފައި ވަނިކޮށް ޝެފީލްޑް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އެކްޒެލް ޓުއާންޒެބޭ ގައިގައި ޖެހި ވަން ގޯލާއެކު މީގެ ކުރިން ޝެފީލްޑުން ޔުނައިޓެޑް ކައިރީ މޮޅެއް ހޯދާފައި އޮތީ 1992 ވަނަ އަހަރުއެވެ.