ޗެލްސީގެ ކޯޗު ކަމާ އަލަށް ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 0-0 އިން ނިމިފައިވާއިރު، ޗެލްސީންގެ ކުޅުމުން ޓުޗެލްގެ ސްޓައިލް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. ޓެކްޓިކަލީ ބޮޑެތި ބަދަލުތަކަކާއެކު ޗެލްސީން ނުކުތީ ފުރަތަމަ 11 އަށްވެސް ބަދަލުތަކަކާ އެކުގައެވެ. ކުރިން ކޯޗު ކަމުގައި ހުރި ފްރޭންކް ލެމްޕާޑު އާންމުކޮށް ފަށާ 11 ގައި ހިމަނާ މޭސަން މައުންޓާއި ޓެމީ އަބްރަހަމްވެސް ރޭގެ މެޗުގައި ފަށާފައި ނުވާއިރު، ކައި ހަވާޓްސް އާއި އޮލިވިއާ ޖިރޫޑަށް ޓުޗެލް ވަނީ ފުރުސަތު ދީފައެވެ.
އޭގެ އިތުރުން މެދުތެރެއަށް ކުޅޭ ޖޯޖީނިއޯވެސް ފުރަތަމަ 11 ގައި ޓުޗެލް ހިމަނާފައިވާއިރު، ޗެލްސީން ވަނީ ޕޮސެޝަން މެޗެއް ކުޅެ، ބޯޅަ ގެއްލޭ ކޮންމެ ފަހަރަކު ވަރަށް އަވަހަށް ބޯޅަ ހޯދައި ގިނަ ޕާސްތަކެއް ޖަހާފައެވެ.
ރޭގެ މެޗުގައި ވުލްވްސްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އެންޓޯނިއޯ ރުޑިގާ ބޮލުން ޖެހި ހަމަލާގެ އިތުރުން ހަލުމް ހަޑަސަން އޮޑޯއީ ޖެހި ބޯޅަވެސް ޕެޓްރީޝިއޯ މަތަކުރިއިރު، ޗެލްސީން ވަނީ ފުރަތަމަ ހާފްގައި އެކަނިވެސް 433 ޕާސް ކާމިޔާބު ކަމާއެކު ޖަހާފައެވެ. އެއީ 2016 ވަނަ އަހަރަށްފަހު ޓޮޕް ފްލައިޓް މެޗެއްގައި ޓީމަކުން އެ އަދަދަށް ޕާސް ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގައި ޗެލްސީގެ އިތުރުން ފުރުސަތުތައް އޮލީވިއާ ޖިރޫއާއި ބެން ޗިލްވެލްއަށް ލިބުނުއިރު، އެ ދެކުޅުންތެރިންނަށްވެސް ލިބުނު ފުރުސަތުތައް ގޯލާ އަމާޒު ކުރެވިފައެއް ނުވެއެވެ.
ޗެލްސީއަށް 20 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ނުވަ ވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު