މަތީ ފެންވަރުގައި ހަދާފައިވާ ވެލާ ޕްރައިވެޓް އައިލެންޑުން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 62،000 ރުފިޔާ ދީފިއެވެ.
މިމަހު ސާވިސް ޗާޖު ލިސްޓުގެ އެންމެ ކުރީގައި އޮތް ވެލާ އިން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،079 (62،743 ރުފިޔާ) ދީފައިވެއެވެ. އެ ރިސޯޓަކީ ގިނަ މަސްތަކެއްގައި ސާވިސް ޗާޖުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަ ރިސޯޓެކެވެ.
ލިސްޓުގެ ދެވަނައިގައި އުޅެނީ ހިލްޓަންގެ ދަށުގައި ހިމެނޭ ލަގްޒަރީ ބްރޭންޑް، ވަލްޑޯފް އެސްޓޯރިއާ އިން ރާއްޖޭގައި ހިންގާ އިތާފުށި ރިސޯޓެވެ. އެ ރިސޯޓުން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502 ރުފިޔާ) ދީފައިވެއެވެ.
ލިސްޓުގައި ދެން ހިމެނެނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،315 ޑޮލަރު (51،117 ރުފިޔާ) ދީފައިވެއެވެ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވެސް މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި 3،007 ޑޮލަރު (46،367 ރުފިޔާ) ދީފައިވެއެވެ.
ފޯ ސީޒަން މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި މިމަހު 2،960 (45،643 ރުފިޔާ) ވަނީ ދީފައެވެ. ދަ ނައުޓިލަސް ބީޗް އެންޑް އޯޝަން ހައުސަސް މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި 2،886 ޑޮލަރު (44،502 ރުފިޔާ) ދީފައިވާ އިރު، ޖޯލި މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި ދިނީ 2،761 ޑޮލަރު (42،574 ރުފިޔާ) އެވެ.
ވަކަރު މޯލްޑިވްސް އިން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި 2،382 ޑޮލަރު (36،730 ރުފިޔާ) ދީފައިވާ އިރު، އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 2،097 ޑޮލަރު (32،335 ރުފިޔާ) އެވެ.
ކޮވިޑް 19އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި އާ އަހަރާ ދިމާކޮށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މިމަހު އެކަނިވެސް ރާއްޖެއަށް ވަނީ 73,499 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލުނު ނަމަވެސް، ބޯޑަރު ހުޅުވުމާއެކު ގިނަ ރިސޯޓުތައް ހުޅުވައި އަލުން މުވައްޒަފުން ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު