ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު 2-1 އިން މާޒިޔާ ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ވެލެންސިއާ ދެވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، މާދަމާ ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ދަ ގްރާންޑޭ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ދެ ވަނައަށް އެރޭނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރިކޮށް ފެނުނީ މާޒިޔާއެވެ. ހާފުގައި މާޒިޔާގެ ގިނަ ހަމަލާތަކެއް ފެނިފައިވާ އިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ. ފުރަތަމަ ހަމަލާ މެޗުގެ ކުރީކޮޅުގައި ފެނުނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުންނެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވެލެންސިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ދިން ބޯޅަ، އަރިމަތިން ހަމްޕު ފޮނުވާލި ނަމަވެސް ފައިސަލް ވަނީ ރަނގަޅު އޭންގަލްގައި ހުރެ އެ ބޯޅަ ނަގައިފައެވެ.
އޭގެ ފަހުން މާޒިޔާ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ވަނީ ލީޑު ނަގާނެ މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. މެދުތެރެއިން ހަމްޕު ދުއްވާލި ބޯޅައަށް ކޯނޭ ކުރިއަށް ޖެހި ޕާސް ކޮށްލި ބޯޅަ އަސައްކޮ ފޮނުވާލި ނަމަވެސް ވެލެންސިއާ ގޯލްކީޕަރު ފައިސަލް ވަނީ އެ ބޯޅަ ފައިން މަތަކޮށްފައެވެ.
ހާފް ނިމުމުގެ ކުރިން ކޯނޭ ދުރުން ފޮނުވާލި ބާރު ހަމަލާއެއްވެސް ފައިސަލް މަތަކޮށްފައިވާ އިރު، ވެލެންސިއާ ފަރާތުން ފެނުނީ ހާފް ޗާންސަސްތަކެވެ. މިދުހަތު ފަހުމީ (ބިޗަޑު) ދުރުން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވުނު އިރު، އަރިމަތިން ވަދެ އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅަ ބްލޮކްވީ ސަމޫހު ގައިގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، މާޒިޔާއިން ލީޑު ނެގީ ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. ކޯނަރު އޭރިއާ ތެރޭގައި ހުރި ހުސައިން ނިހާން (ނިހާޓް) ބޮލުން ފޮނުވާލުމުން ހުރަސް ދަނޑިއަށް އަމާޒުވި ނަމަވެސް، ރީބައުންސް ބޯޅައަށް އަރައި ބިދޭސީ ޑިފެންޑަރު ޕްލާނިޗް ވަނީ ބޯޅަ ބޮލުން ގޯލަށް ވައްދާލައިފައެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވެ ކޯނޭގެ ގޯލުން މާޒިޔާ ލީޑު ފުޅާކޮށްފައިވާ އިރު، ވެލެންސިއާގެ ގޯލް ފެނުނީ 81 ވަނަ މިނެޓުގައެވެ. މެދުތެރެއިން ސޮލާ މުލެޓް މަތިމަތިން ދެއްވާލި ބޯޅަ އޭރިއާ ތެރޭގައި ހުހަށް އޮވެ ސެންޓޭ އަމާޒުކޮށްލީ ދުރު ކަނަށެވެ. ސެންޓޭ ބޯޅަ ފޮނުވާލީ ބޯޅަ ބިމުގައި ނުޖެހި ވައިތެރޭގައި އޮއްވައެވެ.
މެޗުގައި މާޒިޔާއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް، ކޯނޭ ޖެހި ޕެނެލްޓީ ވެލެންސިއާ ގޯލްކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު