ޚަބަރު

ވަޒީފާއިން ވަކިކުރި އިމިގްރޭޝަންގެ ހަތަރު އޮފިސަރަކަށް އަލުން ވަޒީފާ ދޭން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުކަމުގެ މަގާމުން ވަކިކުރި ހަތަރު މީހަކަށް އަލުން ވަޒީފާ ދިނުމަށާއި އެ މީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ކަމަށް ނުބަލައި، އެމީހުން ވަޒީފާއިން ވަކިކުރި މުއްދަތަށް، މުސާރަ އާއި އެލަވަންސް ދިނުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިއީ އިމިގްރޭޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސައީދު މުހައްމަދާއި އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރު ހުސައިން މުހައްމަދާއި އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އިސްހާގު އިބްރާހީމް އަދި އިމިގްރޭޝަން އޮފިސަރު ހުސައިން ޝިހާމް، އެ އިދާރާގެ ޔުނީފޯމު މިންގަނޑާ ހިލާފު ވެފައިވާ ކަމަށާއި ޔުނީފޯމް މިންގަނޑާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށް ބުނެ އެހެން ވަޒީފާއެެއް ހޯދުމަށް އަންގައި 19 ޖެނުއަރީ 2017 ގައި ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައަކީ އެ މީހުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަމާއި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މީހުން ވަޒީފާއިން ވަކިކުރުމުގައި ރިއާޔަތްކޮށްފައި ވަނީ ދިވެހި ގާނޫނުއަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު ބާތިލު އުސޫލެއްގެ މައްޗަށް ކަމަށް ކަނޑައަޅައި ދިނުމަށާއި މައްސަލަ ހުށަހެޅި މީހުންނާމެދު އިމިގްރޭޝަނުން ތަފާތު ކޮށްފައިވާތީ ފިޔަވަޅު އަޅައި ދިނުމަށާއި މައްސަލަ ހުށަހެޅި މީހުންނަކީ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންތަކެއް ކަމުގައި ނުބެލުމަށާއި އެމީހުން އަދާކުރަމުން ދިޔަ ވަޒީފާ ތިން ދުވަހުގެ ތެރޭގައި އަނބުރާ އިޔާދަކޮށް ދިނުމަށް އަންގައި އަމުރު ކޮށްދިނުމަށާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކުން ވަޒީފާއިން ވަކިކުރި ހިސާބުން އުނިކޮށްފައިވާ އެންމެހާ ފައިސާ ތިން ދުވަސް ތެރޭގައި ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް ޓްރައިބިއުނަލުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކޮށް ނިންމީ، އެ އެމީހުން ހުށަހަޅާފައިވާ ފަދަ އެއްވެސް އަމުރެއް ކުރާނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ އެ މީހުން އަލުން އެ ވަޒީފާ ދިނުން ނުވަތަ އެއާ އެއް ފެންވަރުގެ އެހެން ވަޒީފާއަކަށް އަނބުރާ ރުޖޫއަ ކުރުމަށް ހުކުމް ކޮށްފަ އެވެ. އަދި އެމީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއި އެ މީހުން ވަޒީފާގައި ދެމިހުރިނަމަ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި، 1 ސެޕްޓެމްބަރު 2016 އިން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހަކާ ހަމައަށް ލިބޭނެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި އިނާޔަތްތައް 14 ދުވަހުގެ ތެރޭގައި އެމީހުންނަށް ދިނުމަށްފަހު ހަތް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ސިވިލް ސާވިސް ކޮމީޝަނުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ހުކުމުގައިވެ އެވެ.