އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް ކޮޅަށް ފަސް ގޯލް ޖަހައި، މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މެޗު 5-0ގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަނުގައި ވެސްޓް ބްރޮމްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ހޯމް މެޗުތަކުގައި ބަލިވުމެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރުވެސް ވެސްޓް ބްރޮމް ކޮޅަށް ހޯމް މެޗުތަކުގައި ގޯލް ވަން އަދަދަށް ގޯލް ވަދެފައިވާ ޓީމެއް ނެތެވެ.
ރޭގެ މެޗަށް ސިޓީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑިބްރޭނާއާ ނުލައި އެޓީމުން ނުކުތްއިރު، އޭނާ ނެތްތަން ފޫބައްދައި ތަފާތު މޮޅު ކުޅުމެއް ދެއްކީ އިލްކޭ ގުންޑޮގަންއެވެ. މެޗުގައި ހިތްގައިމު ދެ ގޯލް އޭނާގެ ފަރާތުން ފެނިގެން ދިޔައެވެ. ސިޓީން ފޯވަޑަކަށް ގުންޑޮގަން ބޭނުން ކޮށްގެން ކުޅެފައިވާއިރު، އިތުރު ގޯލްތައް ޖަހައިދިނީ ޖައޯ ކާންސެލޯއާއި ރިޔާދު މަހަރޭޒް އަދި ރަހީމް ސްޓާލިންނެވެ.
މި ސީޒަނުގައި ފުރަތަމަ ފަހަރަށް ސިޓީން ތާވަލުގެ އެއްވަނައަށް އަރާފައި ވަނީ 19 މެޗުން 41 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ވާދަވެރި ޔުނައިޓެޑް އޮތީ 19 މެޗުން 40 ޕޮއިންޓާ އެކުގައެވެ. ލެސްޓާ ތިންވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓާ އެކުގައެވެ.
ރޭ ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗުގައި 3-1އިން ސައުތުހޭމްޓަން ބަލިކޮށް، އެޓީމު ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލައިފައެވެ. ނިކޮލަސް ޕެޕޭއާއި ބުކަޔޯ ސަކާގެ އިތުރުން އެލެކްސެންޑްރާ ލަކަޒެޓް ގޯލްތައް ޖަހައިދީފައިވާއިރު، ސައުތުހެމްޓަންގެ ހަމައެކަނި ގޯލް ޖެހީ އާމްސްޓްރޯންގެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު