އަންނަ ހުކުރު ދުވަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން ސީދާ ހަރަކާތަށް ނުކުތުމަށް އަންނަ ހުކުރު ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަގުމަތީގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އެ މުޒާހަރާއަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް "އިންސާފު ކޮބާ؟"ގެ ނަމުގައި ކުރިއަށްގެންދާ މުޒާހަރާއެއް ކަމަށެވެ.

"އަޅުގަނޑުމެން މި ހަރަކާތްތަކާ ގުޅިގެން އަންނަ ހުކުރު ދުވަހު މިވަނީ މުޅި ދިވެހިރާއްޖޭގައި އިންސާފު ކޮބާތޯ އަހައި އެ ސުވާލު ސަރުކާރާ ކުރުމަށްޓަކައި ދިވެހި ރައްޔިތުން ބޭނުންވާތީވެ އެކަމުގައި އިސްނަގައިގެން ވަރަށް ވަރުގަދަ ވަރަށް ބޮޑު އިވެންޓެއް ހުކުރު ދުވަހު ހަވީރު 4:15 ގައި މުޅި ރާއްޖޭގައި ފަށާނަން،" ޝިޔާމް ވިދާޅުވިއެވެ.

އެ މުޒާހަރާ މާލޭގައި ފެށުމަށް ހަމަޖައްސާފައިވަނީ ސޯޝަލް ސެންޓަރު ކައިރިންނެވެ.

ޝިޔާމް ވިދާޅުވީ، އެ މުޒާހަރާއަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަަގަން ޖެހޭ ހުއްދަތައް ނަގައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށްގެންދާނެ މުޒާހަރާއެއް ކަމަށެވެ.