ޚަބަރު

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 10 ގައި ބާއްވަން ނިންމައިފި

އިބްރާހިމް ޒަކީ

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމައި ދެންމެ އެކަން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރައްވަމުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އިންތިހާބު ބޭއްވުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާނެ ކަމަށެވެ. އެއީ ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް، ކައުންސިލު އިންތިހާބުގެ ހާއްސަ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އަލުން ފަށަން ޖެހޭނެ ކަމަށާއި އެކަމުގެ ތާރީހު ކަނޑައަޅަންވާނީ ތިން ދުވަހުގެ ނޯޓިހެއް ލިބޭ ގޮތަށް ކަމަށް ކަނޑައަޅާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް، ނެރެފައިވާ އެޗްޕީއޭގެ ގައިޑްލައިންގައި އިންތިހާބަށް ކެމްޕެއިިން ކުރުމަށް ލުއިތަކެއް ދީފައިވާ ކަމަށެވެ. އެހެންކަމުން އިންތިހާބު ބާއްވާ ތާރީހު މިއަދު އިއުލާން ކުރުމާއެކު އެ ގައިޑްލައިންގައިވާ އުސޫލުތަކާ އެއްގޮތަށް ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އިންތިހާބު ބާއްވާ ދުވަސް އިއުލާން ކުރުމާއެކީގައި އިންތިހާބާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް އެކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވިސް މުވައްޒަފުން ސަސްޕެންޑު ވާނެ ތާރީހަކާއި ކެންޑިޑޭޓުން ނަން ނެގުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތު ބަންދުވާނެ ތާރީހު އަންނަ ހުކުރު ދުވަހު އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، އެ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހެނީ ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށޭވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.

އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.

މި ގާނޫނު މަޖިލީހުން ފާސް ކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، މެއި 10، 2020 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެ އެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެ އެވެ. އެހެންކަމުން އިންތިހާބު ބޭއްވުމާގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އިލެކްޝަންސް ކޮމިޝަނަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫން 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅިއެވެ.

މިމަހުގެ ތެރޭގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހު ޖަލްސާތަކެއް ބާއްވައިގެން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަނީ ފާސްކޮށްފަ އެވެ. މިހާރު ބިލު އޮތްއޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެ އެވެ.

ނަމަވެސް އިންތިހާބު ބޭއްްވޭނީ، އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މެއި 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސް އެޅޭފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އަންގަންޖެހެ އެވެ.