ޅ. ހިންނަވަރުގައި ސިއްހީ މަރުކަޒެއް އިމާރާތް ކުރުމަށް ގަވާއިދާ ހިލާފަށް ބަޔަކާ ހަވާލު ކުރުމުގައި ހިންގާފައިވާ ކަންތައްތަކުގެ ސަބަބުން ސަރުކާރަށް 2.8 މިލިޔަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެމިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނީ މިއަދުއެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރުނު ރިޕޯޓުގައި ވަނީ ހިންނަވަރުގައި ސިއްހީ މަރުކަޒެއް އިމާރާތް ކުރުމަށް ހެލްތު މިނިސްޓްރީން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެކު 10.4 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި އެކެއް އޮކްޓޫބަރު 2016 ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ބަޖެޓުގައި ފައިސާ ނެތި ކަމަށާއި، އެއީ މާލިއްޔަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

އެއަށްފަހު ދޭއް ނޮވެމްބަރު 2016 ގެނިޔަލަށް އަމަލީ މަސައްކަތް ފެށިފައި ނުވާ ޕްރޮޖެކްޓްތައް ހުއްޓައިލުމަށް ފިނޭންސް މިނިސްޓްރީން އެންގުމާ ގުޅިގެން 11 ޖެނުއަރީ 2017 ގައި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރި ނަމަވެސް 12 ފެބްރުއަރީ 2017 ގައި ހަމަ އެ ޕްރޮޖެކްޓުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއަރުޑީސީ)އާ ހަވާލު ކޮށްފައި ވަނީވެސް މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރީ އަށްމިލިޔަން ރުފިޔާއަށް ކަމަށާއި އެއްބަސްވުމުގައި ހިމެނޭ ޖުމުލަ އަގުގެ 15 ޕަސެންޓަށް ވާ 1.2 މިލިޔަން ރުފިޔާ އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ފަހުން 120 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށް އެމްއާރުޑީސީން އެ މަސައްކަތް ވިލުކޮޅު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޖުމުލަ ހަތް މިލިޔަން ރުފިޔާއަށް 18 މެއި 2017 ގައި ސަބްކޮންޓްރެކްޓް ކޮށް އެޑްވާންސް ފައިސާގެ ގޮތުގައި އެއްމިލިޔަން ރުފިޔާ ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް އެމްއާރުޑީސީ ލިކުއިޑޭޓް ކުރަން ސަރުކާރުން ނިންމުމުގެ ސަބަބުން އެ ކުންފުނިން ކުރިއަށް ގެންދިޔަ މަޝްރޫއުތައް އެ މަސައްކަތް ހަވާލުކުރި އޮފީހަކުން ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އެ މަސައްކަތާ އަނެއްކާވެސް ހެލްތު މިނިސްޓްރީން ހަވާލުވިއެވެ. އޭރު އެ މަސައްކަތް ނިންމަން ވިލުކޮޅުއާ ހަވާލުކުރި މުއްދަތު ހަމަވެފައިވީ ނަމަވެސް މަސައްކަތް ނިންމާފައެއް ނުވެއެވެ.

އެހެންކަމުން އިތުރު އެއްބަސްވުމެއްގެ ދަށުން 120 ދުވަސްތެރޭގައި އެ މަސައްކަތް ނިންމުމަށް ހެލްތު މިނިސްޓްރީން ހަމަ އެ ކުންފުންޏާ ހަވާލު ކުރިއެވެ.

ރިޕޯޓުގައި ވަނީ އެ ފަހަރު މަސައްކަތް ހަވާލުކުރި އަގު ކަމަށް ބަޔާން ކޮށްފައި ވަނީ އަށް މިލިޔަން ރުފިޔާ ކަމަށެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ 25 ނޮވެމްބަރު 2018 ގައި އެއްބަސްވުން ބާތިލު ކޮށްފައިވާއިރު އެހައިތަނަށް 1.68 މިލިޔަން ރުފިޔާ އެކުންފުންޏަށް ދައްކާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ދައުލަތުގެ ތަންތަނުން ހަވާލު ކުރާ މަސައްކަތާއި ހޯދާ ހިދުމަތްތަކާއި ގަންނަ ތަކެތި ބަލައިގަންނަންވާނީ އެގްރިމަންޓުގައިވާ ގޮތުގެ މަތިން އެކަންތައްތައްކޮށް ނިންމުމުންކަމަށާއި އެގްރީމެންޓާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާ ތަކެތި ބަލައިގަނެގެން ނުވާނެ ކަމަށާއި އެ ކަމެއްގެ ފެންވަރު ރަނގަޅު ނޫންނަމަ އެކަމެއް ރަނގަޅު ކުރުމަށް އަންގަން ޖެހޭނެ ކަމަށާއި ދައުލަތުން އެކަމަށް އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާއިރު، ދައުލަތުން 2.88 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން އެތަނުގައި ކުރި މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަނުގައި ހުރި ސްޓްރަކްޗާ 24،580 ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ރޫޅާލާފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.