ޔޫރަޕްގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބާސެލޯނާގެ މިއަހަރުގެ ފައިސާގެ ތަފްސީލީ ރިޕޯޓް އާންމު ކޮށްފިއެވެ.

މީގެ ކުރިންވެސް ބާސާ ދަރަނިވެރިވާނެ ކަމަށް އެ ކްލަބުން އަންދާޒާ ކޮށްފައި އޮތްއިރު، ރިޕޯޓް ދައްކާ ގޮތުން އެ ކްލަބު މިހާރު އޮތީ 1.2 ބިލިއަން ޔޫރޯގެ ދަރަންޏެއްގައެވެ. އޭގެ ތެރޭގައި ކުޅުންތެރިން ގަތުމަށްފަހު ބައެއް ކްލަބުތަކަށް ދޭން ޖެހޭ ފައިސާވެސް ހިމެނެއެވެ.

ކޮވިޑް 19އާއި ގުޅިގެން ބާސާއަށް ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކްލަބަށް ކުރު މުއްދަތެއްގެ ތެރޭގައި 730 މިލިއަން ޔޫރޯ ގެއްލުން ވެފައި ވެއެވެ. އެންމެ ބޮޑު ހަރަދެއް ކުޅުންތެރިންގެ މުސާރައަށް ކޮށްފައިވާއިރު، އެއީ ބާސާއަށް ވަންނަ އާމްދަނީގެ 74 ޕަސެންޓެވެ. ޕެންޑަމިކާއެކު ކްލަބުން ކުޅުންތެރިންގެ މުސާރަ ދަށްކުރަން މަސައްކަތް ކުރި ނަމަވެސް، ވަރުގަދަ މުސާރަތައް ދޭ ކުޅުންތެރިންގެ ފަރާތުން އެކަމަށް އެންމެ ބޮޑަށް އެއްބާރުލުން ލިބިފައެއް ނުވެއެވެ.

ބާސާގެ ރިޕޯޓް ދައްކާ ގޮތުން، 126 މިލިއަން ޔޫރޯ، އެކިއެކި ޓްރާންސްފާތަކުގެ އަގު ހަމަކުރަން އެ ކްލަބުން އެހެން ކްލަބުތަކަށް އަދިވެސް ދައްކަން ޖެހެއެވެ. އެގޮތުން ފިލިޕް ކުޓީނިއޯ ޓްރާންސްފާގެ 29 މިލިއަން ޔޫރޯ ލިވަޕޫލަށް، ފްރޭންކް ޑިޔޮންގެ ޓްރާންސްފާގެ 16 މިލިއަން ޔޫރޯ އަޔެކްސްއަށް އަދި މެލްކޮމްގެ ޓްރާންސްފާގައި ބޯޑޯއަށް ދޭން ޖެހޭ ގާތް ގަނޑަކަށް 10 މިލިއަން ޔޫރޯވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ހުރިހާ ޓްރާންސްފާ ފައިސާތަކެއް މި އަހަރު ޖޫންގެ ނިޔަލަށް ނިންމަން ބާސާއަށް ޖެހެއެވެ.

އޭގެ އިތުރުން އަރުތޫރުގެ ޑީލްއާއި އަރުތޫރޯ ވިޑާލްގެ ޑީލުން ގްރެމިއޯ އާއި ބަޔާން މިއުނިކަށް ދައްކަން ޖެހޭ 31 ވަރަކަށް މިލިއަން ޔޫރޯ ދެއްކުމަށް މިހާރު ބާސާއަށް ދީފައި އޮތް މުއްދަތުވެސް ވަނީ ފަހަނަ އަޅައި ގޮސްފައެވެ. ބައެއް ޓްރާންސްފާތަކުން ބާސާއަށް ލިބެން ޖެހޭ ފައިސާވެސް ހުރިއިރު، އެ އަދަދު އަރަނީ ގާތް ގަނޑަކަށް 46 މިލިއަން ޔޫރޯއަށެވެ.

ކޮވިޑް 19އާއި ގުޅިގެން ސީޒަންގެ ބޮޑު ބައެއްގައި ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން ޓީމުތަކަށް ވަނީ މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބާސާއިން މިދިޔަ ސީޒަން 488 މިލިއަން ޔޫރޯގައި ނިންމާލިއިރު، ކްލަބުން އުންމީދު ކުރަނީ މި ސީޒަނުގައި ސަޕޯޓަރުން ވައްދައި، ފައިސާގެ ގެއްލުންތައް ފޫބެއްދުމަށެވެ. ހާއްސަކޮށް ބާސާއިން ވަނީ އެ ކަމަށް ބަރޯސާވެފައެވެ. އެގޮތުން ކްލަބުން އަންދާޒާ ކުރާ ގޮތުގައި ގާތްގަނޑަކަށް 56 މިލިއަން ޔޫރޯ މި ސީޒަންގައި ސަޕޯޓަރުން ފަރާތުން ކްލަބަށް ވަންނާނެއެވެ. އެހެން ނަމަވެސް، އެ ޕްލޭން ކާމިޔާބުވާނީ ސަޕޯޓަރުން ދަނޑަށް ވަދެގެންނެވެ.