ފެލިވަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
މިފްކޯއިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ދެއްވަމުން ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ފައުޒީ ރޭ ވިދާޅުވީ ސައުދީ ފަންޑާއި އިންޑިއާގެ އެކްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފެލިވަރުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ މަހުގެ މެދުތެރޭގައި ފެށޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ ފެބްރުއަރީ މެދުތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް" ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، ފެލިވަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެރަށުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި މަސް ގަންނަ ފެސިލިޓީއެއް ތަރައްގީކުރާނެ ކަމަށެވެ. އަދި 100 ޓަނު ޕްރޮސެސް ކުރެވޭ ވަރުގެ ކޭނަރީއެއްވެސް ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.
"މިރަށް ތަރައްގީކޮށް ނިމޭއިރު ފިފްތު ޖެނެރޭޝަންގެ ބޯޓުތަކަށްވެސް ފަސޭހަކަމާ އެކު އައިސް މަސް ކިރޭނެ" ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފައުޒީ ވިދާޅުވީ ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖުވެސް 6،000 ޓަނަށް އިތުރު ކުރެވޭނެ ކަމަށެވެ. މިހާރު އެރަށުގައި ހުރީ 2،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެވެ.
މިފްކޯއިން ކޫއްޑޫ އާއި ފެލިވަރު ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކުރިއަށް ގެންދާއިރު، އެ މަޝްރޫއު ނިމުމުން މަސްވެރިންނަށް ހަމަ އަގު ލިބި މަސްވެރިންގެ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ