ދިފާއީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއްވެސް ލިބޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމު ހާސިލުކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ދިފާއީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނަކާއި ކޮންމެ މެޑައްޔަކީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ސިފައިން ހާސިލުކުރާ އެއްޗެއް ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހެޔޮފުޅުކަމުން ނުވަތަ ވަކި ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ ދޭ އިނާމެއް ނުވަތަ ހަދިޔާއެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަހުލާގީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ހައްގު އެއްޗެއްކަން މުޅި މި މުއައްސަސާ ހެކިވާނެ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މިހާރުވެސް ސިފައިން ތައްޔާރުވަމުން އެދަނީ ކޮވިޑްގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި މިއަދު ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް ހާސިލުކުރެވެނީ ރައީސް ސޯލިހު ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑާޝިޕާއި ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތި އުނދަގޫ ހާލަތުގައިވެސް ސިފައިން ދިޔައީ ގައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި، ދަމަހައްޓައި، ރައްޔިތުންގެ ހިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް ސިފައިން އަޒުމް ކަނޑައަޅައި އެ އަޒުމް ވަރުގަދަކުރަންވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު