ދެވަނަ ފަހަރަށް ބޭނުންކުރެވޭ ތަކެތި ނުވަތަ ސެކަންޑް ހޭންޑް ތަކެތި ބޭނުންކުރުން ފެޝަނަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ހުޅުމާލޭ ގޮނޑުދޮށް ސާފުކުރުމާ ގުޅޭގޮތުން މިއަދު ބޭއްވި ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، ގޮނޑުދޮށްތަކާއި މޫދު ފަދަ ތަންތަން ސާފު ކުރުމަކީ ޕްލާސްޓިކާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޮޑު އެހީއެއް ކަމަށެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެންވެސް ކުންޏާއި ޕްލާސްޓިކް މަދު ކުރެވިދާނެ ކަމަށެވެ. އެގޮތުން ދެވަނަ ފަހަރަށް ބޭނުންކުރެވޭ ފެންފުޅި ބޭނުން ކުރުމަށާއި ފޮތި ދަބަސް ބޭނުން ކުރުމަށާއި ހެދިކާ ފަދަ ތަކެތި ގަންނަން ދާއިރު ތަށިބަރި ބޭނުން ކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްފަހަރު ލާފައި ހުންނަ އަންނައުނު ލުމާއި ސެކަންޑް ހޭންޑް ތަކެތި ބޭނުން ކުރުން ފެޝަނަކަށް ހަދަން ޖެހޭ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ، ހަމައެކަނި ސާފުކުރާ ޕްރޮގްރާމްތަކުން ކުނީގެ މައްސަލަ ހައްލުނުވާނެ ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ލިބޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
ހުޅުމާލޭގައި މިއަދު ފެށީ އީޔޫގެ އެހީގައި ސްވިޗް އޭޝިއާއިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްލާސްޓިކް މަދުކުރަން ފެށި "ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ ކަނޑުތަކަށް ކުނި އެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ. ގައުމީ ޔުނިވާސިޓީގެ ބައިވެރިވުމާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފަށަން ހަމަޖައްސާފައިވަނީ މާދަމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު