ޗެލްސީގެ ކޯޗުކަމުގެ ހުރި ކުލަބް ލެޖެންޑު ފްރޭންކް ލެމްޕާޑު ފޮނުވާލައި، ކްލަބުގެ ކޯޗުކަމަށް ތޯމަސް ޓުޝެލް ގެންދަން ކްލަބުން ތައްޔާރުވެއްޖެއެވެ.

ލެމްޕާޑު ކޯޗުކަމުން ވަކިކުރިކަން ޗެލްސީން ވަނީ ޔަގީން ކޮށްދީފައެވެ. އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ޓުޝެލްއާއެކު ކްލަބުން އެއްބަސްވެސް ވެފައިވާ ކަމަށެވެ. އިތުބާރު ހިފޭ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ ލެމްޕާޑުގެ ނަތީޖާތަކާ މެދު ބޯޑުން ހިތްހަމަނުޖެހިފައިވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ރޮމާނޯ އިތުރަށް ރިޕޯޓްކޮށްފައިވަނީ ޗެލްސީގެ ކޯޗުކަމަށް ޓުޝެލް ގެންދަން ހަތަރު އަހަރާއި ބައިގެ މުއްދަތެއްގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ ނިންމުންތައް ޗެލްސީން އިއުލާން ކުރާނެ ކަމަށެވެ.

ޗެލްސީން ނެރުނު ބަޔާނުގައި ވެރިޔާ ރޯމަން އަބްރަމޮވިޗް ބުނީ ލެމްޕާޑަކީ ކްލަބުގެ މުހިއްމު ލެޖެންޑެއް ކަމަށާއި، ލެމްޕާޑު ފޮނުވާލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި ލެމްޕާޑުގެ އިހުލާސްތެރިކަމާއި މަސައްކަތަށް އެއްވެސް ވަރަކަށް ޝައްކު ނުކުރި ނަމަވެސް، މިވަގުތު ކްލަބަށް އޮތް އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކު ގެނައުން ކަމަށް ދެކޭ ކަމަށްވެސް ރޯމަން ބުނެފައިވެއެވެ.

އުމުރުން 43 އަހަރުގެ ލެމްޕާޑާއެކު މިދިޔަ ސީޒަން ޗެލްސީން ނިންމާލީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. ޓްރާންސްފާއެއް ނުކޮށް، ޗެލްސީން އެ ސީޒަންގައި ތަފާތު ރަނގަޅު ނަތީޖާތަކެއް ނެރެފައިވުމާއެކު ބޯޑުގެ އިތުބާރު ލެމްޕާޑަށް ދިންތަން ފެނުނެވެ. ހާއްސަކޮށް މުޅި ޔޫރަޕަށް ބަލާއިރުވެސް އެންމެ ވަރުގަދަ ޓްރާންސްފާތަކެއް މި ސީޒަނަށް ކުރި އެއް ޓީމަކީ ޗެލްސީއެވެ.

މިދިޔަ މަހާ ހަމައަށް އައިއިރު ޗެލްސީ ލީގުގެ އެއްވަނައިގައި އޮތް ނަމަވެސް، އޭގެ ފަހުން ފޯމް ގެއްލި މިހާރު ވަނީ ލީގު ތާވަލުގެ ނުވަ ވަނައަށް ވެއްޓިފައެވެ. އެންމެފަހުން ލީގުގައި ޗެލްސީން ކުޅުނު ފަސް މެޗުން އެޓީމަށް ތިން ޕޮއިންޓް ހޯދުނީ އެންމެ މެޗެއްގައެވެ.

ލެމްޕާޑަކީ ޗެލްސީގެ ކްލަބު ލެޖެންޑެކެވެ. 2001 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް ލެމްޕާޑު ޗެލްސީއަށް ކުޅެފައިވާއިރު، އޭނާއަކީ ޗެލްސީގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޗެލްސީ ޖާޒީގައި ޖުމްލަ 211 ގޯލް ޖަހައިފައެވެ. ޗެލްސީއަށް ކުޅުނު 13 ސީޒަންގައި 648 މެޗު ލެމްޕާޑް ކުޅެފައިވާ އިރު، އޭނާ ވަނީ 11 ޓްރޮފީއެއް ކްލަބާއެކު އުފުލައިލާފައެވެ. އޭގެ ތެރޭގައި ހަތަރު ޕްރިމިއާ ލީގު ތަށްޓާއި، ޗެމްޕިއަންސް ލީގު ތަށިވެސް ހިމެނެއެވެ.