ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިހާރު ބޭނުންވަނީ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށްގެންދަން ކަމަށް އޭނާ މިއަދު ބުނެފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ގާނޫނީ ވަކީލު ވިދާޅުވީ އަދުހަމް ބޭނުންވަނީ އަދަބު ލުއިވާނެ ގޮތަކަށް ކަންތައް ކުރަން ކަމަށާއި އެހެންކަމުން އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ކަމަށެވެ.
ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކޮށްފައި ދަނިކޮށް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެރޭ، ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި އެކަން ކުރިކަމަށް މީގެކުރިން އަދުހަމް ވަނީ އެއްބަސް ވެސް ވެފައެވެ.
ނަމަވެސް އޭގެފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި އަދުހަމް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެ އަޑުއެހުގައި ގާސިމް ބުނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.
ގާޒީ ވިދާޅުވީ، ކުށަށް އިއުތިރާފުވުމަށްފަހު، އަދުހަމް ވަނީ އެ އިއުތިރާފު އަނބުރާ ގެންގޮސްފައި ކަމަށާއި އެހެންކަމުން އެކަމާ ގުޅޭ ގޮތުން ދެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ގާނޫނީ ވަކީލަށް އެއްޗެއް ވިދާޅުވާން ފުރުސަތު ދެއްވުމުން ވަކީލު ވިދާޅުވީ ދައުލަތުން ބޭނުންވަނީ އަދުހަމާއެކު ކުރިން ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބާތިލުކޮށް ޝަރީއަތުން ގޮތެއް ނިންމުމަށް ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ޕީޖީއާއެކު އަދުހަމް ކުރިން ވެފައިވާ އިއުތިރާފު އަނބުރާ ގެންގޮސްފައިވާތީ، އެ އެއްބަސްވުމެއް މިހާރު ނެތް ކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ގާޒީ ވަނީ ނިންމަވައިފައެވެ. ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމާއި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ތަކެތި ހުށަހެޅުމުގެ ފުރުސަތު ގާޒީ ދެއްވިއެވެ.
ގާޒީ ދެއްވި ފުރުސަތުގައި، އަދުހަމުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ. ނަމަވެސް ދިފާއުގައި އަދުހަމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށައެއް ނާޅައެވެ.
އެހެންކަމުން ގާޒީ ވިދާޅުވީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ އެއްޗެއް އޮތް ނަމަ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅުމަށެވެ.
ހުށަހެޅުމާ ގުޅިގެން ދޭނެ ރައްދެއް އޮތް ނަމަ ފެބްރުއަރީ 18 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅުއްވުމަށް ދެފަރާތަށް ވެސް ގާޒީ ފުރުސަތު ދެއްވިއެވެ.
މިއަދުގެ އަޑުއެހުމާއެކު މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމުނީކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ ދެން ކުރިއަށް ގެންދާނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކަމަށެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ ފެބްރުއަރީ 18 ގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް