ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ހަތް ވަނަ ބުރު މާދަމާ ބާއްވަން ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ވައިސް މިނިސްޓަރު ލޫ ޝައުހުއީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަގުވާމީ މަޝްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
އޭގެ އިތުރުން ކޮވިޑުން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ދެގައުމުގެ މެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންވެސް ދިވެހި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ބުންޏެވެ.
މި ގޮތަށް ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވާޗުއަލްކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު