އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފިއެވެ.

ޔުނައިޓެޑުން އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ލިވަޕޫލުން އެފްއޭ ކަޕުން ކަޓާފައިވާއިރު، އެންމެފަހުން ލިވަޕޫލް ކުޅުނު ހަތް މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާގެ ޒުވާން ޓީމަކާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗަށް ނުކުތްއިރު، އެސްޓަން ވިލާގައި ކޮވިޑް ކޭސްތަކެއް ފެނިފައިވުމުން އެސްޓަން ވިލާއިން ނެރުނީ 23 އަހަރުން ދަށުގެ ޓީމެވެ.

ކާމިޔާބު ދެ ސީޒަނަކަށްފަހު ލިވަޕޫލްގެ ފޯމް ދަށްވެފައި އޮތްއިރު، މިހާރު ލީގު ތާވަލުގައިވެސް އެޓީމު އޮތީ ހަތަރު ވަނައިގައެވެ. އެއީ އެއްވަނަގައި އޮތް ޔުނައިޓެޑަށްވުރެ ހަ ޕޮއިންޓް ފަހަތުންނެވެ. 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައި، މިދިޔަ ސީޒަންގައި ބޮޑު ލީޑެއްގައި އޮވެ ލިވަޕޫލުން ޕްރިމިއާ ލީގު ހޯދިއިރު، މި ސީޒަންގައި އަދި އެކުޅުން ތަކުރާރު ކުރެވިފައެއް ނުވެއެވެ.

މެޗުގައި މުހައްމަދު ސަލާހްގެ ގޯލާއެކު ލިވަޕޫލުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. ޔުނައިޓެޑަށް މޭސަން ގްރީން ވުޑާއި މާކަސް ރަޝްފޯޑު ގޯލް ޖަހައިދިންއިރު، ލިވަޕޫލަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ސަލާހެވެ.

މެޗުން ޔުނައިޓެޑް މޮޅުވި ގޯލް ހިލޭ ޖެހުމަކުން ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑު މައްޗަށް ނުކުތް ޕޯޗުގަލްގެ ތަރި، ބްރޫނޯ ފެނާންޑޭޒްއެވެ.

މެޗަށްފަހު ކްލޮޕް ބުނީ ލިވަޕޫލާ މެދު ކަންބޮޑު ނުވުމަށެވެ.

"މިއީ ބޭނުންވި ނަތީޖާއެއް ނޫން. އެއީ ވަރަށް މާޔޫސީ ނަތީޖާއެއް. އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް، ރަނގަޅު ކަންކަންވެސް ހުރި. އެކަމަކު އަހަރެމެންނާ މެދު ކަންބޮޑު ނުވޭ. މި ގްރޫޕް މިތިބީ ވަރަށް ރަނގަޅަށް،" ކްލޮޕް ބުނެފައިވެއެވެ.