ބ. އޭދަފުށިން ގޯތި ދޫކުރަން ނިންމައި، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި އެވެ.
އޭދަފުށިން ގޯތި ދޫކުރަން ނިންމާފައި މިވަނީ 33 އަހަރަށްފަހުންނެވެ.
އޭދަފުށީ ކައުންސިލް ރައީސް ތޮލާލް އަބްދުއްރަހުމާން "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އޭދަފުށިން ގޯތި ދޫނުކުރާތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. މިހާ ގިނަ ދުވަހަށްފަހު ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ މި ވަގުތަށް ދޫކުރަން ނިންމާފައިވަނީ 158 ގޯތި ކަމަށާއި އެ ގޯތިތައް ދޫކުރަން ނިންމާފައިވަނީ އެރަށު ހިއްކާފައިވާ ސަރަހައްދުން ކަމަށެވެ. މި ގޯތިތަކަށް 662 މީހުން ކުރިމަތިލާފައިވާއިރު ޝަރުތު ހަމަނުވާ 31 މީހަކު ތިބި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް ގަބޫލުކުރަން މިހާ ގިނަ ދުވަހަށްފަހު ގޯތި ދޫކުރާ އިރު ގިނަ ބަޔަކު ގޯތި ބޭނުންވާނެ ކަން. އެކަމަކު އަޅުގަނޑުމެން ވަރަށް އިންސާފުވެރިކަމާއެކު ޕޮއިންޓް ދީ ވަގުތީ ލިސްޓު އާންމު ކޮށްފައިވާނީ. އިއްޔެއިން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަޅުގަނޑުމެން ވާނީ ހުޅުވާލާފަ. ވަގުތީ ލިސްޓު އާންމު ކުރުމާއެކު ވަރަށް ގިނަ ބަޔަކު ފޯނުން ގުޅާ ޝަކުވާ ކުރި." އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކުރާނީ ވަގުތީ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ކުރެވޭ އިތުރު މައުލޫމާތާއި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއްވެސް ގެނައުމަށް ފަހު ކަމަށެވެ.
ތޮލާލް ވިދާޅުވީ މީގެ ކުރީ ސަރުކާރުންވެސް ދެ ފަހަރެއްގެ މަތީން އޭދަފުށީގައި ހައުސިން ޔުނިޓް ހެދުމަށް ނިންމި ނަމަވެސް އެއިން އެއްފަހަރުވެސް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުންވެސް 227 ހައުސިން ޔުނިޓެއް އެރަށުގައި ހަދާނެ ކަމަށް ބުނެފައިވީނަމަވެސް ކޮވިޑާ ގުޅިގެން އެކަމުގެ މަސައްކަތް މިހާރު ހުއްޓިފައިވާތީ އެކަން އަވަސް ކޮށްދިނުމަށް ސަރުކާރަށް ދަންނަވާފައިވާނޭ ކަމަށްވެސް ވިދާޅުވި އެވެ.
ހައުސިން ޔުނިޓު ހެދިގެން ދިޔުމަކީ ރަށުގެ ވަރަށް ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށާއި އެހެން ކަމުން ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންކަން އަވަސް ކޮށްދިނުމަށް އެކި ގޮތް ގޮތުން ސަރުކާރުގައި އަދިވެސް ދަންނަވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.
އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 33 އަހަރު ކުރިން 1988 ގަ އެވެ. ބިންފުރި ގޯތި ބޭނުންވާ އެތައް އާއިލާއެއް ރަށުގައި ދިރިއުޅެމުން އަންނައިރު، ރައީސް ޔާމީނުގެ ވެރިކަމުގައި، 2014 ވަނަ އަހަރު ވަނީ ބިން ހިއްކައިގެން ރަށުގެ ބިމަށް 26 ހެކްޓަރު އިތުރުކޮށްފަ އެވެ.
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި
ބ. އޭދަފުށި