ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ އިތުރުން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ދެ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލހުން ވަނީ ބުނެފަ އެވެ.
މި ދެމީހުންގެ ތެރެއިން 31 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ މާލޭން ކާށިދުއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 21 ވަނަ ދުވަހު ކާށިދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އުނގޫފާރު ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ، މާލެއިން ފުރައިގެން ރަސްގެތީމަށް ދަތުރު ކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މި އޮޕަރޭޝަނުގައި ރަސްގެތީމަށް މާލެއިން ދިޔަ ބޯޓަކުން ބޭލި ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި މައްސަލާގައި 52 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މާލެއިން ތުޅާދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 87 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ނަމަވެސް މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ދެ މީހުންނަށްވެސް މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން 31 އަހަރުގެ މީހާއަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާއިރު 52 އަހަރުގެ މީހާއަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު