ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކޮށްފިއެވެ.
ސަރުކާރުން އެގޮތަށް ނިންމީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުށް ގެނައި ދިހަވަނަ އިސްލާހުގައެވެ.
މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުގައިވާ ގޮތުން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތައި އެފަދަ ނިންމުންތަކާ މެދު ހިޔާލު ތަފާތުވިޔަސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުން
- ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުން
- އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭފަދަ ކަމެއް ނުކުރުން
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލު ކުރަން ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހާސިލުކޮށްދޭން މަސައްކަތް ނުކުރުން
- ސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް ނުވަތަ ވަސީލަތެއް، މަގާމުގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަކަށް ނޫން ގޮތަކަށް ބޭނުން ނުކުރުން
- ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވައި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދާ ހިލާފުވުމަށް ބާރު ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުވުން
- މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ނުވަތަ އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރަން ބޭނުން ނުކުރުން
އެ އުސޫލުގައި ސިއްރު ހިފަހައްޓަންވެސް ބުނެފައިވެއެވެ. ސިޔާސީ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް ވުރެ ލަސް ވެއްޖެ ނަމަ މުސާރައިން ކެނޑޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު