ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިން ބަލަހައްޓަމުން އަންނަ 11 ކުއްޖަކު ފުވައްމުލައް ސިޓީގައި ހުންނަ އަމާން ވެށި ސެންޓަރަށް ބަދަލުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ހިޔާއާއި ފިޔަވަތިން ބަލަހައްޓާ ކުދިން ރަށްރަށުގެ އަމާން ވެއްޓަށް ބަދަލުކުރަނީ އެކުދިން އާއިލީ އަދި އިޖުތިމާއީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އެ ކުދިންނާއެކު ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީވެސް ވަނީ ފުވައްމުލަކަށް ވަޑައިގެންފައެެވެ.
ހިޔާއާއި ފިޔަވަތިން ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރި 11 ކުދިންނާއެކު މިހާރު އެތަނުގައި ޖުމުލަ 16 ކުދިން އެބަތިއްބެވެ. މީގެ ކުރިން އެތަނުގައި ތިބީ ފަސް ކުދިންނެވެ.
ޖެންޑާއިން ބުނީ އެ މިނިސްޓްރީގެ ސިޔާސަތަކީ ދައުލަތުން ނަގާ ކޮންމެ ކުޑަކުއްޖަކުވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށެވެ އަދި ސަރުކާރުގެ ވިސްނުމަކީ މާލޭގެ ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ގޮތަށް ނަގާ ކުދިން ގެންގުޅުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދިނުން ކަމަށެވެ.
ފުވައްމުލަކު ސިޓީގެ އިތުރުން އަމާން ވެށި ސެންޓަރުތައް ދެން ހުންނަނީ ށ. ފުނަދޫއާއި ބ. އޭދަފުށީގަ އެވެ. އަދި އިތުރު ދެ ސަރަހައްދެއްގައި އަމާން ވެށި ސެންޓަރުތައް ހެދުމުގެ މަސައްކަތް ޖެންޑާއިން އަންނަނީ ކުރަމުންނެވެ.