ދިވެހި ރުފިޔާއަށް ނިޝާނެއް ހަދަން ނިންމައި، އެކަމަށް ހާއްސަކޮށްގެން މުބާރާތެއް ބާއްވަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފިއެވެ.
އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ވަނީ ގިނަ ގައުމުތަކުގައި އެގައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް ބޭނުންކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ވެސް މިފަދަ ނިޝާނެއް ހެދުމަށް ނިންމައިފައިވާތީ، ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާ ކަމަށެވެ.
މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ.
މަރުކަޒީ ބޭންކުން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރުފިޔާގެ ނިޝާން ފަރުމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
- ޑިޒައިން ހުށަހަޅަންވާނީ A4 ސައިޒް ކަރުދާހެއްގައި ކަޅާއި ހުދުލުކުލައިން. ޑިޒައިން ޕްރޮޕޯސަލްއާއެކު ޑިޒައިންގެ ވެކްޓާ ފައިލް ވެސް (Illustrator Adobe ނުވަތަ CorelDraw) ފޯމެޓުގައި ހުށަހަޅަންވާނެ
- ފަރުމާކޮށްފައިވާ ޑިޒައިނުގެ ގްރެފިކަލް ކޮންސްޓްރަކްޝަން، ފައިނަލް ޑިޒައިންއާއިއެއް ޕްރޮޕޯޝަނެއްގައި އެއަށްވުރެ ސައިޒުން ބޮޑުކޮށް ހުށަހަޅަންވާނެ. އަދި ފައިނަލް ޑިޒައިން އާއި އެ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކޮންސެޕްޓް ވެސް ހުށަހަޅަންވާނެ
- ފަރުމާކޮށްފައިވާ ނިޝާނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭންވާނެ
- ޕްރޮޕޯސަލްއާ އެކު ފައިނަލް ޑިޒައިން ފޮންޓް ސައިޒް 500، 400، 300، 200، 100، 80، 40، 20، 10 އަދި 5 ޕޮއިންޓް ގައި ހުށަހަޅަންވާނެ
- ހުށަހަޅާ ޑިޒައިން ހުންނަންވާނީ ކޮމްޕިއުޓާ ކީބޯޑު ތަކުގައި ބޭނުންކުރެވޭނެ ފަދަ ގޮތަކަށް. އަދި އެކި ސްޓައިލްތަކުގެ ފޮންޓާ އެކު ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ ނިޝާނަކަށް ވާންވާނެ
- ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެ. ލިޔުމުގައި ނިޝާން ޖަހާނީ ހިސާބު އަދަދުގެ ކުރީގައި
- ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެ. އެ ޑިޒައިނަކީ ނުވަތަ އޭގެން އެއްވެސް ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެ
އެމްއެމްއޭއިން ބުނީ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށާއި އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެ ކަމަށެވެ. އަދި ޕްރޮޕޯސަލްއާއެކު ހުށަހަޅާ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކުރު ހުލާސާއެއް ހިމަނަންވާނެ ކަމަށާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ފޯމާއި އިގުރާރު ފޯމް ހުށަހަޅަންވާނެ ކަމަށެވެ.
މަރުކަޒީ ބޭންކުން ބުނީ އެއްވެސް ޕްރޮޕޯސަލެއް އެމްއެމްއޭއަށް ހުށަހެޅުމަށް ފަހު އަނބުރާ ނުގެންދެވޭނެ ކަމަށާއި ދިވެހި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރުމަށް ޑިޒައިނެއް ހޮވުމަށް ފަހު އެ ޑިޒައިން ވާނީ އެ އޮތޯރިޓީގެ އިންޓެލެކްޗުއަލް ޕްރޮޕަޓީއަކަށް ކަމަށެވެ. އޭގެ މައްޗަށް ޑިޒައިންކުރި ފަރާތުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު