ހައިކޯޓުގެ ހަތަރު ފަނޑިޔާރަކާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަން ނިންމައި އެކަމަށް ތަހުގީގު ކޮމިޓީ އެކުލަވާލައިފިއެވެ.
އެގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ސުލޫކީ މައްސަލަތަކެކެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރުގެ ބަލަނީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ހިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފާތިމަތު ފަރުހީޒާގެ މައްސަލަ ބަލަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީއަކަށް ހުންނެވި އިރު، ޝަރީއަތުގެ މަޖިލީހެއް ނިންމަވައިލެއްވިކަން އިއުލާނުކުރެއްވުމަށް ފަހު، މައްސަލައިގައި ހިމެނޭ މީހަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައިގައެވެ.
މި ބޭފުޅުންގެ އިތުރުން ދ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖައާކުރުމަށް ޕީޖީ އޮފީހުން އެދުމުން ވެސް ގޮތެއް ނުނިންމާ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވި މައްސަލައެއްގައި އެ މައްސަލަ ބައްލަވާ އިސް މެޖިސްޓްރޭޓް އަލީ ޝަފީގުގެ މައްސަލަ ވެސް ބަލަން ވަނީ ނިންމައިފައެވެ. އޭނާއާ ދެކޮޅަށް ހުށަހަޅާފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމުގެ މައްސަލައެކެވެ.
މީގެކުރިން ޖޭއެސްސީން ވަނީ ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައިފައެވެ. އެގޮތުން މައްސަލަ ބަލައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި މައްސަލައަށް ޖަވާބުދާރީވާން އެންގުމުން ފަނޑިޔާރު ހަސަން އަލީ ވެސް ވަނީ އިސްތިއުފާދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު